މީގެ އެތަކެއް އަހަރެއް ކުރިންވެސް ނެށުމުގެ ތެރެއިން ބެލުންތެރިންގެ މުނިފޫހި ފިލުވާދެމުން އަންނަ ތަރިއެކެވެ. ފުރަތަމަ ނަށަން ފެށީ ޑާންސް ގުރޫޕްއެއްގެ ބެކްރައުންޑް ގައެވެ. ފުރަތަމަ ވީޑިއޯ ލަވައެއްގެ ލީޑު ކުޅެން ލިބިފައިވަނީ ފިލްމީ ދާއިރާގައި ހުރި ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ ނެރެމުންދާ "ހިތްދިވާނާ 5" ޑީވީޑީގެ ލަވައަކުންނެވެ. ދައްކަން މިއުޅެނީ ނެށުމުން ފިލްމީ ދާއިރާގެ ދޮރު ހުޅުވާލައި، މިހާރު ދިވެހ ފިލްމުތަކާ ދިމާއަށް މިސްރާބު ޖަހާފައިވާ ޒުވާން އެކްޓަރު އަލީ އާޒިމް (ދޮން އައްޔަ) ގެ ވާހަކައެވެ. އޭނާ ކުޅެފައިވާ އެތައް ފިލްމެއް ބެލުންތެރިނަށް ފެނިގެން ގޮސްފައިވާއިރު، އަނެއްކާވެސް އައްޔަ ދަނީ މުޅިން އާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

އެންވިޝަން އެންޓަޓެއިންމެންޓާ ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކުރާ ކޮމެޑީ ފިލްމު"ނޯޓީ 40" އިން އައްޔަގެ މޮޅު ހުނަރު ފެނިގެންދާނެ އިރު އޭނާ ބުނަނީ "ނޯޓީ 40" ގެ ހުރިހާ މަސައްކަތަކާ ދޭތެރޭވެސް ވަރަށް ހިތްހަަމަޖެހޭ ކަަމަށެވެ.

ނޯޓީ 40ގެ ބައެއް ތަރީން ސަންއަށް އިންޓަވިއުދެނީ -- ސަން ފޮޓޯ: ނޯޓީ40 ޓީމް

"އަސްލު ވަރަށް ހިތްހަމަޖެހޭ. ހިތް ހަމަ ނުޖެހޭ އެއްވެސް މަންޒަރެއް މި ފިލްމުގަ ނެތް. އެންމެ ތަފާތު އަދި އެންމެ ސަޅި އެކްސްޕީރިއަންސް މީ،" އައްޔަ ކިޔައިދިނެވެ.

"ސަން" އަށް ދިން އިންޓަވިއުގައި އައްޔަ ބުނީ، އެ ފިލްމުން ސީނިއާ ކާސްޓުންނާ މުޅިން އަލަށް ތައާރަފްވާ ތަރިން ފެނިގެންދާއިރު، އެންމެންގެ ފަރާތުން ވެސް ވަރަށް ބޮޑަށް އެއްބާރުލުން ލިބުނު ކަމަށެވެ.

ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގު އެއްކޮށް ޕްރޮޑިއުސް ކުރާ "ނޯޓީ 40"އާ ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަމުން އައްޔަ ބުނީ، އެ ފިކްމުގައި އެކްޓް ކޮށްލަން ލިބުމުން ވެސް ވަރަށް ހިތްހަަމަޖެހުނު ކަަމަށެވެ.

ނޯޓީ 40 އިން ފެނިގެންދާ ދޮން އައްޔަ ސަންއަށް އިންޓަވިއުދެނީ --- ފޮޓޯ: ނޯޓީ40 ޓީމް

"ޔޫއްޕެ އާއި ޝަފީގް ގުޅާފަ އަޅުގަނޑު ގާތު ބުނީ އެބަ ވިސްނަމޭ ފިލްމެއްގެ މަސައްކަތް ފަށަން. އައްޔަ ލައިގެން މީތި ކުޅެންށޭ މި ނިންމީ. ދެން އެ ފިލްމަކީ ބައިވަރު ކަންތައްތަކެއް ފެނިގެންދާނެ ފިލްމެއްގެ އިތުރުން ފިލްމުގެ ކާސްޓުންނާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭތީ ފިލްމުގަ އެކްޓް ކުރަން ނިންމީ،" 2014 ވަނަ އަހަރު ރިލީޒް ކުރި އަބްދުލް ފައްތާހުގެ ފިލްމު،"އާދޭސް" އިން ފެނިގެންދިޔަ އައްޔަ ބުންޏެވެ.

ށ.މިލަންދޫ ގައި ބޮޑުބައި ޝޫޓް ކޮށްފައިވާ "ނޯޓީ 40" އިން އަައްޔަ ފެންނާނީ އެކަނި އުޅޭ ބައްޕައަކު ވަރަށް ލޯބިން ބޮޑުކޮށް ފައިވާ ދަރިއެއްގެ ރޯލުންނެވެ. އަދި މަންމަ އެއް ނެތި ބަލާ ބޮޑުކުރިޔަސް ބައްޕަ ދޭ ލޯބީގެ ސަބަބުން ބައްޕަޔާ ގުޅުން ރަނގަޅު ދަރިއެއްގެ ރޯލުން ފެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މުޅި ޖުމްލަ ފަސް ލަވަ ހިމެނޭ އެ ފިލްމުގައި ހެއްވާ މަޖާ ކަންތައްތަކެއް ފެނިގެންދާނެ އިރު، ލޯބީގެ ބައިންވެސް އައްޔަ ވަރަށް ތަފާތު ގޮތަކަށް ފެންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ނޯޓީ 40 އިން ފެނިގެންދާ ސައީދު އަދި ދޮން އައްޔަ-- ފޮޓޯ: ނޯޓީ40 ޓީމް

" މީގެ ކުރިން ފެނިފައި ނުވާ ކަހަލަ ރޯލަކުން މިފަހަރު ފެންނާނީ. ވަރަށް ތަފާތު ވާނެ. ވަރަށް މަޖާ ވަރަށް ތަފާތު އެކްސްޕީރިއެންސެއް އަސްލު ކުރެވުނީ،" އައްޔަ ބުންޏެވެ.

އައްޔަ ބުނީ މީގެ ކުރިން ފިލްމީ ދާއިރާއަށް ދުރަށް ދިޔުމުގެ ހިޔާލެއް ގެންގުޅުނު ކަމަށާއި ނަމަވެސް "ނޯޓީ 40" ގެ މަަސައްކަތައް ފަހު އެ ހިޔާލު މުޅިން ފިލައިގެން ގޮސްފި ކަމަށެވެ. އޭގެ އިތުރުން ފިލްމުތަކުން ފެނުން ގިނަވެގެން ދިޔަ ނަމަވެސް ނެށުމާއި ދުރަށް ނުދާނެ ކަމަށެވެ.

އައްޔަގެ މަސައްކަތާ މެދު ވާހަކަދައްކަމުން ފިލްމުގެ އެއް ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް ބުނީ، ފިލްމުގެ ވާހަކަ ލިޔުނު އިރު އައްޔަ އެ ފިލްމުގައި ހިމަނައިގެން ފިލްމު ޝޫޓް ކުރުމަށް ވިސްނާފައިވާނެ ކަމަށާއި އައްޔަގެ އެކްޓިންނާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ވަރަށް މޮޅަށް އޭނަގެ ރޯލުތައް ކުޅެފަ ވަނީ. އައްޔަ އަށް އެބައޮތް މުސްތަގުބަލު މި ދާއިރާއިން ކުރިޔަށްދެވެން. މި ފިލްމުން ފެނިގެންދާ ހުރިހާ ކާސްޓުންގެ އެކްޓިންވެސް ހަމަ ވަރަށް ރަނގަޅު،" ޝަފީގް ބުންޏެވެ.

އައްޔަ ބުނީ، ކުރިޔަށް އޮތްތާގައިވެސް ގިނަ ފިލްމުތަކަކުން ބެލުންތެރިންނަށް ފެންނާނެ ކަމަށާއި ބެލުންތެރިންގެ މުނިފޫހި ފިލުވަދޭން އޭނާ ތައްޔާރަށް ހުރި ކަމަށެވެ.

ނޯޓީ 40 އިން ފެނިގެންދާ ދޮން އައްޔަ--- ފޮޓޯ: ނޯޓީ40 ޓީމް

އޯގަސްޓް ދެވަނަ ދުވަހު ރިލީޒް ކުރާ "ނޯޓީ 40" އިން އައްޔަގެ ހުނަރު ފެންނަ އިރު މި އަހަރު ރިލީޒް ކުރި ފުރަތަމަ ފިލްމު "މަލިކާ" އިން ވެސް އައްޔަ ވަނީ ފެނިފައެވެ. އަދި ސެޕްޓެމްބަރު މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ހައްދު" އިން އޭނާ ފެންނާނެ ކަމަށް ބުނާއިރު މިއަހަރުތެރޭ އަޅުވަން ނިންމާފައިވާ "ގިލަން" އިން ވެސް އައްޔަގެ އެކްޓިން ފެންނާނެއެވެ.