06 Apr 2017, 21:06
އިންޑިއާގެ ޕަންޖާބުގައި ކިޔަވަމުންދިޔަ ދިވެހި ފުލުހަކު މިއަދު ދަންޖެހިގެން މަރުވުމާ ގުޅިގެން އެ ގައުމުގައި ތިބި ދިވެހި ފުލުހުންނާ ބައްދަލުކުރެއްވުމަށް ދިވެހި ފުލުހުންގެ ޓީމެއް އިންޑިއާއަށް ފުރައިފިއެވެ.
އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގެ ފަރާތުން ދިވެހި ފުލުހުންނަށް ލިބުނު ސްކޮލަޝިޕް ފުރުސަތުތަކެއްގައި މަތީ ތައުލީމް ހާސިލްކުރުމަށް ޕަންޖާބަށް 10 ފުލުހަކު ފުރާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ނަމަވެސް އިންޑިއާއަށް ދިޔަ ފުލުހުންގެ ތެރެއިން ފޮރެންސިކް ސައިންސް ދާއިރާއިން މާސްޓާސް ފުރިހަމަ ކުރަމުންދިޔަ ފުލުހަކު މިއަދު ދަންޖެހިގެން މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މަރާއެކު ފުލުހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ، އިންޑިއާގެ ޕަންޖާބުގައި ކިޔަވަން ގޮސް ތިބި ދިވެހި ފުލުހުންނާއި ފުލުހުންގެ އާއިލާތަކާ ބައްދަލުކުރުމަށް ދިވެހި ފުލުހުންގެ ޓީމެއް އިންޑިއާއަށް ގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އިންޑިއާއަށް ފުރި ދިވެހި ފުލުހުންގެ ޓީމުގައި ހިމެނެނީ ފުލުހުންގެ ސީނިއާ ދެ އޮފިސަރުން ކަމަށެވެ. އަދި އިންޑިއާއަށް ކުރާ އެ ދަތުރަކީ އިންޑިއާގައި ކިޔަވަން ހުރި ދިވެހި ފުލުހަކު މަރުވުމާ ގުޅިގެން އެ ތަނުގައި މިހާރު ތިބި ފުލުހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށް ވިދާޅުވިއެވެ.