ދިވެހީން ހައްޖަށް ގެންދާ ބައެއް ގްރޫޕުތަކުގައި މާލީ ދަތިތަކެއް ދިމާވެ ބައެއް ހައްޖުވެރިން ފައިސާ ދައްކާފައިވަނިކޮށް ހައްޖަށް ގެންދިއުމުގެ ކަންކަން ނުވުމާ ގުޅިގެން ސަރުކާރުން އުފެއްދި ކުންފުނި، "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން" އަކީ ދިވެހި އެތައް ބައެއްގެ ހިތްތަކަށް ފިނިކަން ގެނެސްދިން އަދި އެތަކެއް ބައެއްގެ އުންމީދުތަކާ ގުޅިފައިވާ ކުންފުންޏެކެވެ. 2014 ވަނަ އަހަރު، އުފެދިގެން އައި އެ ކުންފުނީގެ ސަބަބުން މިހާރު ހައްޖަށް ދިއުމުގައި ހައްޖުވެރިން ހާސްވާން ޖެހޭ ކަމެއް ނެތެވެ.

އެންމެ މަތީ ފަންތީގެ ޚިދުމަތްތަކާ އެކު ހައްޖުވެރީން ހައްޖަށް އެ ގެންދަނީ އިއްޒަތުގައެވެ. މިމަހުގެ ދެވަނަ ދުވަހަށް އެ ކުންފުންޏަށް ތިން އަހަރު ފުރުނު އިރު އެ ކުންފުނީގެ އަމާޒަކާއި ހުވަފެންތަކެއް އެބަހުއްޓެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް ވިދާޅުވީ އަންނަ އަހަރުގެ ކުރިން އިސްލާމިކް ޓުއަރިޒަމްގެ ކޮންމެވެސް ދާއިރާއެއްގެ މަސައްކަތް ފަށާނެ ކަމަށެވެ.

މިއީ ދިވެހީންނަށް ހައްޖަށް ދިއުމުގައި އެހީތެރިވާ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު "ސަން"އަށް ދެއްވި އިންޓަވިއުއެކެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ކޮބައިތޯ ހައްޖު ކޯޕަރޭޝަން އުފެދިގެން އައި ސަބަބަކީ؟

"އަޅުގަނޑު ހަނދާން ވަނީ 2012 ވަނަ އަހަރުގަ މަލީޝާގެ ކޭސް އެންމެ ފުރަތަމަ ދިމާވީ. އެފަހަރު އެ ގްރޫޕުން 150 ވަރަކަށް މީހުން ފައިސާ ދައްކާފަ އެހުރިހާ ކަމެއް ކޮށް ނިންމާފަ އޮއްވާ ނުދެވޭ ގޮތްވީ. އެހެންވެ އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަރަށް ބޮޑު އިސްނެންގެވުމަކާ އެއްކޮށް ނިންމީ ކޮންމެހެންވެސް އެބަޖެހެޔޭ ސަރުކާރުން މިކަން ކުރަން. އެއީ އަސްލުގަ މައިގަނޑު ފެށުމަކީ."

"އަޅުގަނޑުވެސް އުފެއްދި އިރު އުޅުނިން އެކަމުގަ. އަޅުގަނޑުމެން އޭރު ބެލީ މިކަން އެހެން ގައުމުތަކުން ކުރާ ގޮތަކީ ކޮބައިތޯ. މެލޭޝިއާގެ އޮންނާނެ ތަބުއް ހާޖީ ކިޔާ ހައްޖު ކޯޕަރޭޝަނެއް. އެ ކުންފުނި ކޮންސެޕްޓަކަށް ބަލައިގެން އަޅުގަނޑުމެން ހައްޖު ކޯޕަރޭޝަން އުފެއްދީ."

ކުންފުންޏަށް ތިން އަހަރުވީ އިރު، ކުންފުނި ފަށައިގަތް އިރު ކޮންކަހަލަ ގޮންޖެހުންތަކެއްތޯ ހުރީ؟

"އޭރު އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވީ މި ކޮންސެޕްޓު މީހުންނަށް ނަގައިނުގަނެވުން. އޭގެ އިތުރުން އަޅުގަނޑުމެންނަށް ދިމާވި ދަތިތަކެއް. އެއީ ވަރަށް ޒަމާން ވަންދެން ހައްޖަށް ދާން ބޭނުންވެފަ ފައިސާ ދައްކަން ބޭނުންވެފަ އެކަމަކު ރަނގަޅު އިންތިޒާމެއް ނެތީމަ ނުދެވިފަ ތިބި ވަރަށް ބައިވަރު އަދަދެއްގެ މީހުން ތިބި. އަޅުގަނޑުމެން ކުންފުނި ފަށައިގަނެގެން ވަރަށް ބޮޑު ނިޒާމެއް ގާއިމް ކުރަން ޖެހުނު ކިއު ތަރުތީބު ވެގެން އަންނަ ގޮތަށް. އެ ނިޒާމު އުފެއްދުމަށް އަޅުގަނޑުމެންނަށް ދިމާވީ ގޮންޖެހުމެއް ގޮތަށް. އެހެން ނަމަވެސް އަޅުގަނޑުމެން މިތާ މި ބޭނުން ކުރަނީ އަމިއްލަށް ޑިވެލޮޕްކޮށްގެން ޔޫސް ކުރާ އިންޓާނަލް ސިސްޓަމެއް. މި ސިސްޓަމް ހަމަ ވަރަށް ބޮޑަށް ފުޅާ ކޮށްފަ މިއޮތީ. މައިގަނޑު ގޮތެއްގަ ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮންސެޕްޓު މީހުންނަސް އަންޑަސްޓޭންޑު ނުވުމާ ގުޅިގެން ދިމާވި ކަންތައްތައް،"

ދިވެހި ހައްޖާޖީއަކު އެއާޕޯޓުން ނުކުމެގެން އާއިލާއާ ބައްދަލުކުރަނީ --- ސަން ފޮޓޯ/ އަބްދުﷲ ހަފީޒް

އެ ގޮންޖެހުންތަކަށް މިހާރު ކިހާ ވަރެއްގެ ހައްލެއް ލިބިއްޖެތޯ؟

"އޭރުގަ ހުރި ގޮންޖެހުންތަކެއް ހަގީގަތުގަ މިހާރަކު ނެތް. ފާއިތުވި ތިން އަހަރުގަ ވަރަށް ބޮޑަށް ގިނަ މީހުން މި ކޮންސެޕްޓް ބަލައިގަނެފި. ފުރަތަމަ ކަމަކަށް ސަރުކާރުން މި ޚިދުމަތް ދޭން ފެށި އިރުގަ އަމިއްލަ ކުންފުނިތަކުންވެސް އައީ ދެމުން. އެހެން ނަމަވެސް އަޅުގަނޑުމެން ވަކި ސްޓޭންޑަޑަކަށް ޚިދުމަތް ދޭން ފެށީމަ އެމީހުންނަށް މަޖުބޫރު ވެގެން ދިޔައީ އަޅުގަނޑުމެން ޚިދުމަތް ދޭ މިންވަރަށް ނުވަތަ އެއަށްވުރެ ރަނގަޅު ޚިދުމަތްދޭން.

"ހައްޖު ކޯޕަރޭޝަން އުފެދިގެން އައިމަ މިކަންތައްތަކަށް ލުއި ފަސޭހަ ވެގެން ދިޔައީ. އަޅުގަނޑުމެން ފަށައިގަތީވެސް ދެ ޕެކޭޖަކާ އެކު. އެއީ އެއްފަހަރާ ފައިސާ ދައްކާ ޕެކޭޖަކާއި މަންތްލީކޮށް ފައިސާ ދައްކާ ޕެކޭޖެއް."

ހައްޖު ކޯޕަރޭޝަންގެ ޕެކޭޖުތައް ބައްޓަން ވެފަ ހުރީ ކޮން ގޮތަކަށްތޯ؟

"އަޅުގަނޑުމެން މި އޮންނަނީ ދެ ސްކީމެއް. އެއީ އެއް ފަހަރާ ފައިސާ ދައްކާ ސްކީމެއް. މި ސްކީމުގަ ވާ ގޮތަކީ 75 ޕަސެންޓު ނުވަތަ އެއަށްވުރެ ބޮޑު އެއްޗެއް ދައްކަން ޖެހެނީ. އެހިސާބުން ފެށިގެން އެމީހަކަށް އެބަ ޔަގީންވޭ ކޮން އަހަރަކުތޯ އޭނައަށް ހައްޖަށް ދެވޭނީ. ހައްޖަށް ދާ އަހަރު އެނގުނީމަ ދެވެންދެން އެ އޮންނަ ޕީރިއަޑް ތެރޭގަ ބާކީ އިންނަ އަދަދު ދައްކަން ޖެހޭނީ.

"އަނެއް ޕެކޭޖަކީ ސެވިން ޕެކޭޖު. މި ޕެކޭޖުގަ ވާގޮތަކީ ފުރަތަމަ ރަޖިސްޓްރީ ކުރާއިރުގަ 500 އަށް ވުރެ މަދު ނުވާ އަދަދަކަށް ފުރަތަމަ ރަޖިސްޓްރީ ކުރަން މިޖެހެނީ. އެއަށްފަހު ބައި ބަޔަށް ބަހާލައިގެން އެއްވެސް މަޖުބޫރު ކަމެއް ނެތި އެމީހަކު ބޭނުންވާ ގޮތަކަށް ފައިސާ ދެއްކޭނެ."

"އޭގެ އިތުރުން އަޅުގަނޑުމެން ތައާރަފް ކުރިން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ސެލެރީ ޑިޑަކްޝަން ސްކީމެއް. އެ ސްކީމުގަ 40 އަށްވުރެ ގިނަ އިދާރާއިން މިވަނީ ބައިވެރިވެފަ. އޭގަ ވަރަށް ގިނަ މުވައްޒަފުންވެސް ބައިވެރިވެ އެ މީހުންގެ މުސާރައިން އުނިކުރަމުން ގޮސް ހައްޖަށް ދާންވާ ފައިސާ ހަމަ ކުރަމުން އެ ދަނީ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"މި ތިން ސްކީމުގަ ވެސް އަޅުގަނޑުމެން، ލިބޭ ފައިސާ ޝަރީއާ ހުއްދަ ކުރާ އިންވެސްޓްމެންޓުތަކަށް އެބަ އިންވެސްޓު ކުރަން. އިންވެސްޓުކޮށްފަ އޭގެން ލިބޭ ނަފާ މި ބަހަނީ ފައިސާ ލާ ފަރާތްތަކުގެ މެދުގަ. އަޅުގަނޑުމެންނަށްވެސް ކޮންމެވެސް ވަރެއް ލެވޭ އެމީހުން ލާ އެއްޗެއްގެ އިތުރަށް. އެއީ ވަރަށް ބޮޑު އެޑްވާންޓޭޖެއް އެމީހުންނަށް ލިބޭ.

ކޯޕަރޭޝަނުގެ ހައްޖު ދަތުރުތަކާއި އުމްރާ ދަތުރުގެ އަގު ބޮޑު ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރާ. އަގު ކުޑަ ކުރުމަށް ކޮން ކަހަލަ ކަންތައްތަކެއްތޯ ރޭވިފަ ހުރީ؟

"ތިން އަހަރު ވެގެން އައި އިރުގަ އަސްލު ހަގީގަތުގަ އިންފްލޭޝަންއާ މިހުރިހާ ކަމަކަށް ބަލާފަ ޚަރަދު ދާނީ އެއް އަހަރަށްވުރެ އަނެއް އަހަރު އިތުރު ވަމުން. އަޅުގަނޑުމެން 2014 ވަނަ އަހަރު ކުންފުނިން އިއުލާން ކުރި ފުރަތަމަ އަގު އެއީ 69،965 ރުފިޔާ. މި އަގު މިވީ ހިސާބަކަށް ނެތް ބަދަލުވެފައެއް. މިއަހަރުވެސް މި އަގު ބޮޑެއް ނުވާނެ. މިއަގުގަ އޮންނާނީ. މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް.

"ދެން އުމްރާ ދަތުރުތަކަށް ބަލާއިރު ފުރަތަމަ ޚިދުމަތް ފެށި އިރުގަ 35،000 ނުވަތަ 34،000 އަށް ދެމުން އައި އުމްރާ ދަތުރުތައް މިހާރު 22،000 އަށް ނުވަތަ 23،000 އަށް ނުވަތަ 21،000 އަށް މިއަދު ދެން. އެއީ އެކި އުމްރާތަކުގެ އަގުތައް. ޑިސެމްބަރު މަހުގެ އުމްރާ ދަތުރުތައް އުޅެނީ 23،000 އަށް. މާޗް މަހުގެ އުމްރާ 21،000 އަށް. އަގުތައް މިހާރު މިވަނީ ވަރަށް ބޮޑަށް ކުޑަވެފަ."

"ހައްޖު ކޯޕަރޭޝަންގެ އަގު ހަގީގަތުގަ ބޮޑެއް ނޫން. އަމިއްލަ އެހެން ގްރޫޕުތަކުގެ އަގުތަކާ އަޅާ ބަލާއިރު އަސްލު ބޮޑެއް ނޫން އަޅުގަނޑުމެންގެ އަގުތައް."

މިދިޔަ ތިން އަހަރު ދުވަސްތެރޭ ޖުމްލަ ކިތައް މީހުން ގެންދެވިދާނެތޯ ހައްޖާއި އުމްރާއަށް؟

"އަޅުގަނޑުމެން ހައްޖަށް އެކަނި ގެންގޮސްފިން މިހާރު 2900 މީހުން. އުމްރާއަށް ގެންގޮސްފަ ވާނެ 800 އާ ކައިރިކުރާ މިންވަރަކަށް މީހުން."

ދިވެހި ހައްޖާޖީއަކު އެއާޕޯޓުން ނުކުމެގެން އަންނަނީ --- ސަން ފޮޓޯ/ އަބްދުﷲ ހަފީޒް

ކިތައް މީހުން މިއަހަރު ހައްޖަށް ގެންދަން ހަމަޖެހިފައިވޭތޯ؟

"މިހާރު 2017، 2018، 2019 އަދި 2020 ވެސް ވަނީ ހަމަ ގާތްގަނޑަކަށް ފުލްވެފަ. އަޅުގަނޑުމެން މިހާރު ފައިސާ ބަލައިގަންނަމުން މިދަނީ 2021 އަށް. އަޅުގަނޑުމެން ފައިސާ އަބަދުވެސް ބަލައިގަންނަން. އަޅުގަނޑުމެންގެ ލިސްޓު އިނީ ހަމަ ތަރުތީބުވެފަ. އަޅުގަނޑުމެންގެ ވެބްސައިޓުން މިހާރުވެސް ބަލާލެވޭނެ.

"ދާ ލިސްޓު މިހާރު އިނީ ފައިނަލް ވެފަ. މިއަހަރު 371 ހައްޖުވެރިން ގެންދާނަން. ބާކީ 29 މީހުންގެ ޖާގައަކީ އެހީތެރިންގެ ގޮތުގައި ދާ މީހުންނަށް އެލޮކޭޓު ވެފަ އޮންނަ ޖާގައެއް. ޖުމްލަ 400 މީހުން ގެންދާނީ،"

ކޮބައިތޯ ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ؟

"އަޅުގަނޑުމެންނަށް ވިސްނިފަ އޮންނަ ގޮތުން ވެއްޖެއްޔާ ހައްޖަށް ދާން މި ޖެހެނީ މުސްކުޅި ވީމަ. މީހާގެ ގައިބާރު ދެރަވީމަކާ ނޫނީ ބޭނުމެއް ނުވޭ ހައްޖަށް ދާން. ބޮޑު ކަމެއް ޖެހޭ މީހަކު ނޫނިއްޔާ ނުދޭ ހަގީގަތުގަ ހައްޖަށް. އެހެނެއް ނޫން. ޒުވާން އުމުރުގަ އެބަޖެހޭ ހައްޖަށް ދާން. މުސްކުޅިވާ ދުވަހު ހައްޖަށް ދާ މީހާ ވަރަށް ހާލުގަ އުޅޭނީ އަސްލުގަ. އޭނައަކަށް އެކަނި ގޮއްސަ އެކަމެއް ނުކުރެވޭނެ. އެހީތެރިއަކު ގޮވައިގެން ދިޔަ ކަމުގައިވީ ނަމަވެސް ވަރަށް އުނދަގޫވާނެ އަސްލު. އެއީ ވަރަށް ބުރަ ކަމެއް.

"ހަމަ އެކަނި ފިނި ހޫނުމިނަށް ބެލި ކަމުގައިވީނަމަވެސް ރާއްޖޭގައި މިހުންނަނީ 29 އާއި 30 އާ ދެމެދު. ހައްޖު މޫސުމުގަ އެކޮޅުގަ އެބަ އަރާ 50 އަށްވެސް. އެހެންވެ އަޅުގަނޑުމެންގެ އަމާޒެއް ޒުވާނުންގެ މެދުގަ މިކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރަން،"

ކޮބައިތޯ ކުންފުނީގެ ކުރިމަގު ރާވާފަ އޮތް ގޮތަކީ؟

"ހައްޖަށް ދާ ބޭފުޅުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާ ކޮށް ފުރިހަމަ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. އެކަން ކުރާނެ މި ކުންފުނިން. ދިވެހި ހުރިހާ ހައްޖުވެރިންނަށްވެސް އެއް ފަންތީއެއްގެ ޚިދުމަތް ދިނުމުގެ ކަންކަން ކުރިއަށް އެބަދޭ. އެގޮތުން މިނާ އަރަފާތުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ވަކިން ޚާއްސަކޮށް ދިވެހިންނަށް ޓެންޓު ހަމަޖެއްސުމާއި މިކަހަލަ ކަންތައްތައް."

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު "ސަން" އަށް ދެއްވި އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

"އިންވެސްޓްމެންޓަކާ ހަމައަށް ގޮސްގެން ނަފާ ލިބެން ނަގާނެ ހަތަރު އަހަރުވަރު. އަޅުގަނޑުމެން އެބަ ވިސްނަން އިސްލާމިކް ޓޫރިޒަމް ރާއްޖެއަށް ތައާރަފް ކުރަން. ރިސޯޓެއް ތަރައްގީ ކުރިއަށް އަދި ގެސްޓް ހައުސެއް ވިޔަސް. އެވާހަކަ އަޅުގަނޑުމެންގެ ބޯޑުގައި އެބަ މަޝްވަރާ ކުރެވޭ މިހާރު. އަންނަ އަހަރު ތެރޭގައި ކޮންމެވެސް ސިފައެއްގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނެ.

"އިސްލާމިކް ޓޫރިޒަމް ތައާރަފްވެގެން ނަމަވެސް ރިސޯޓެއް ވިޔަސް ނުވަތަ އެހެން ގެސްޓްހައުސެއް ވިޔަސް، ސަރުކާރުގެ ތެރެއިން މިހާރުވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަންނޭގެ މީހުން ދިރިއުޅޭ ރަށްރަށުގަވެސް ގެސްޓްހައުސް ވިޔަފާރި ކުރުމާއި މިކަންތައްތައް. އިސްލާމިކް ކޮންސެޕްޓެއްގެ ރިއަލް އެސްޓޭޓް ޕްރޮޕަޓީއެއް ނަމަވެސް ގާއިމް ކުރުމަކީ އަޅުގަނޑުމެންގެ ޓާގެޓެއް."