ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ދެކުނު ސަރަހައްދުގެ އޮފީސް ސ. ހިތަދޫގައި ހުޅުވައިފިއެވެ. ހިތަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ.

އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ކުނި މެނޭޖްކުރުމުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ވެމްކޯއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

އަދި ކުނި ނެގުމަށް ބޭނުންވާ ކޮމްޕެކްޓަރުތަކާއި ވެހިކަލްތައް ގެންގޮސް މިދިޔަ އަންގާރަ ދުވަހު އެ ސިޓީގެ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ވަނީ ފަށާފައެވެ.

ވެމްކޯ އިން ބުނީ، އައްޑޫ ސިޓީގެ ގޭބިސީތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ދުވަހު މަހަކު 100 ރުފިޔާގެ ރޭޓުން ކަމަށާއި އެ ހިދުމަތަށް ރަޖިސްޓަރީ ވުމަށް ހުޅުވާލި ފުރުސަތުގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މިދިޔަ އަހަރު މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުވި ވެމްކޯގެ ކަލެކްޝަން ސާވިސް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. މުޅި މާލެ ޖުމްލަ 13 ޒޯނަކަށް ބަހާލައިގެން ކުނި އުކައިދިނުމުގެ ހިދުމަތް ވެމްކޯއިން ފެށިއިރު، އެ މަސައްކަތުގެ ދަށުން މިހާރު އެ ކޯޕަރޭޝަނުން ދަނީ މާލޭގެ ހަ ޒޯނަކުން ކުނި ނެގުމުގެ ހިދުމަތް ދެމުންނެވެ.

ވެމްކޯގެ އަމާޒަކީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުރިހާ ޒޯނަކުން ކުނި ނެގުމުގެ ހިދުމަތް ދިނުމެވެ.

މާލޭއާއި އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ އިތުރުން ވެމްކޯ އިން ވަނީ ނ.، ރ.، ބ.، އަދި ޅ. އަތޮޅުތަކުގެ ކުނި މެނޭޖްކުރުމަށްޓަކާ ރ. ވަންދޫގައި ގާއިމްކޮށްފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއާ ވެސް ހަވާލުވެފައެވެ.