މި އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކުރާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަންހެން އަދި ފިރިހެންޓީމަށް ވާދަކުރަން ވާނީ ތަށި ހޯދުމަށް ކަމަށާއި މުބާރާތުގައި ކުޅޭ ކުޅުންތެރީންގެ އިތުރުން ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ތަށި ހޯދުމަށް މަސައްކަތް ކުރުމަށް އެކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކުރާ އެމްޕީއެލްގެ އަންހެން ޓީމާއި އަދި ފިރިހެން ޓީމަށް ޖާޒީ ހަވާލުކުރުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީއީއޯ ހަލީމް ވިދާޅުވީ، ހުރިހާ ކުޅުންތެރިންވެސް ކާމިޔާބީ ހޯދުމަށް ގަދަ އަޅައި މަސައްކަތް ކުރަންވާނެ ކަމަށާއި ދަނޑުމަތީގައި ތިބޭ ކުޅުންތެރީންނަށް ހިތްވަރުދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްބާރުލުން ދޭން ވާނެ ކަަމަށެވެ.

ޓީސީ ސްޕޯޓްސް އަދި ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ މުހައްމަދު އައްޒާމް އެމްޕީއެލް ޓީމުގައި ހިމެނޭއިރު މިފަހަރުގެ މުބާރަތަށް ނުކުންނަ އެމްޕީއެލް ޓީމް ހުރިހާ ގޮތަކުންވެސް ވަރުގަދަ ވާނެކަަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ 18/30 ވުމެން ފުޓްސަލް ފިއެސްޓާގައި ވާދަކުރާ އެމްޕީއެލްގެ އަންހެން ޓީމުންވަނީ މި އަހަރުގެ މުބާރަތަށް ޓީމު ވަރުގަދަ ކުރުމަށްޓަކައި ތައިލެންޑުގެ ގައުމީ ޓީމުގެ ކީޕަރު ސުކަންޔާޗޯރް އެޓީމަށް ގެނެސްފައެވެ. އަދި އެޓީމަށް އިތުރު ބޭރު ކުޅުންތެރިއަކުވެސް ކުޅޭނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެމްޕީއެލްގެ އަންހެންޓީމު ވާދަކުރާ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ނުކުންނާނީ އިމިގްރޭޝާނާ ދެކޮޅަށެވެ. އަދި އެމްޕީއެލް ފިރިހެންޓީމުގެ ފުރަތަމަ މެޗުގައި ނުކުންނާނީ އެމްޓީސީސީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.