ދިއްލީ(އޭޕްރިލް 6): އިންޑިއާގެ ތާޖް މަހަލްގެ ފާރުތައް ރައްކާތެރި ކުރުމަށްޓަކައި އެއިމާރާތުގެ ފާރުތަކުގައި އަތް ނުލެވޭ ގޮތް ހަދަން އިންޑިއާގެ އާކިއޮލޮޖިކަލް ސާވޭ (އޭއެސްއައި) އިން ވިސްނަމުންދާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.

އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން ދުނިޔޭގެ އާސާރީ ތަރިކައިގެ ލިސްޓުގައި ހިމެނޭ ތާޖު މަހަލް ރަައްކާތެރި ކުރުމަށްޓަކައި އޭއެސްއައި އިން ދަނީ ތާޖު މަހަލްގެ ފާރުތަކުގެ ވަށައިގެން ދަގަނޑު ބެރިކޭޑެއް ޖަހަން ވިސްނަމުންނެވެ.

ތާޖު މަހަލްގެ ފާރުތަކާ އެއް މީޓަރު ދުރުގައި އެ ބެރިކޭޑު ޖެހުމުން ތާޖު މަހަލްއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ސަބަބުން ގަނޑުވަރަށް ލިބޭ ގެއްލުންތައް ކުޑަ ވާނެ ކަމަށް އޭއެސްއައި އިން އުއްމީދު ކުރެ އެވެ.

ދުނިޔޭގެ ހަތް އަޖައިބު ތެރޭގައި ހިމެނޭ ތާޖް މަހަލް އަކީ އާގަރާ ގައި 1631 ވަނަ އަހަރާއި 1654 ވަނަ އަހަރާ ދެމެދު ބިނާ ކުރި ހަދާނީ ބިނާއެކެވެ. ވިހި ހާހަށް ވުރެ ގިނަ މަސައްކަތު މީހުން ވެގެން ބިނާކުރި މި ހާއްސަ ބިނާއަކީ މުޣަލް ރަސްގެފާނު ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަޙަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ބިނާ ކުރެއްވި ލޯބީގެ ބިނާއެކެވެ. (އިންޑިއާ ޓުޑޭ)