06 Apr 2017, 15:32
ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ މެޗުން މާލޭ ލީގުގެ މާދަމާ އަލުން ފަށާނެ އެވެ.
މާލޭ ލީގު މެދުކަނޑާލީ ރާއްޖޭގައި ހަލުވި ކަމާ އެކު އެޗްވަންއެންވަން ރޯގާ ފެތުރެން ފެށުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިންނެވެ.
މާލޭ ލީގުގައި ޓީސީ އާއި ޔޫވީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:00ގަ އެވެ. އަދި ލީގުގައި މާދަމާ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާއެވެ.
މާދަމާ ކުޅޭ ދެ މެޗަށްފަހު ދެން މާލޭ ލީގުގެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ކްލަބު އީގަލްސް އާއި ކްލަބު ވެލެންސިއާ ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.
މާލޭ ލީގުގައި މިހާތަނަށް ނިއު ރޭޑިއަންޓާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާއިރު، ޓީސީ ކުޅުނު ހަމައެކަނި މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. އީގަލްސް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. އަދި އީގަލްސް ކުޅުނު އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ.
ލީގުގައި ކްލަބު ގްރީން ސްޓްރީޓްސް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. އަދި އެޓީމު ކުޅުނު އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ. އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ވިކްޓަރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗު ނިންމާލީ އެއްވަރުވެގެންނެވެ. ކްލަބު ވެލެންސިއާ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައިވާއިރު، އަނެއް މެޗު ނިންމާލީ އެއްވަރުވެގެންނެވެ. ލީގުގައި ޔޫވީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.