06 Apr 2017, 15:25
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓްގައި ކަން ހިނގައި ދިޔަ ގޮތް ވީޑިއޯއާ އެކު އިންޓަ ޕާލިމެންޓަރީ ޔޫނިއަން(އައިޕީޔޫ) އަށް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކް(ރީކޯ) ވިދާޅުވެއްޖެ އެވެ.
އިތުބާރު ނެތް ކަމުގެ ވޯޓް ނެގި ދުވަހު މަޖިލީހުގައި ގަވާއިދާއި ގާނޫނާ ހިލާފަށް އެތައް ކަމެއް ހިންގާފައިވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީ(ޖޭޕީ) އިން އައިޕީޔޫއަށް މައްސަލަ ހުށަހާޅާފައިވާ ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމް ވަނީ ވިދާޅުވެފަ އެވެ.
'ސަން' އާ ވާހަކަ ދައްކަމުން މޫސަ ވިދާޅުވީ އައިޕީޔޫ އަކީ ޕާޓީތަކުގައި އުފެދޭ ސިޔާސީ މައްސަލަތައް ބަލާ ތަނެއް ނޫން ކަމަށާއި އެ ޔޫނިއަންއަށް މައްސަލަ ހުށަހެޅުމުގެ އެއްވެސް ބާރެއް ޑރ. އާސިމްއަށް ލިބިވަޑައިގެން ނުވާ ކަމަށެވެ.
"އެއީ ޕާލިމެންޓްތަކުގައި ޖެހޭ މައްސަލަތަކާ ގުޅިގެން ޕާލިމެންޓްތައް ހަމަމަގުން ގެންދިއުމަށް ޓަކައި ދުނިޔޭގެ އެތައް ގައުމެއް ބައިވެރިވެގެން ހަދާފައި އޮންނަ އިންޓަ ޕާލިމެންޓަރީ ޔޫނިއަންނެއް،" މޫސާ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ މަޖިލީހުގައި އެއްވެސް ކަމެއް ގޯސްކޮށްދާ ނަމަ އެކަން މަޖިލީހުގައި ހިމެނޭ ޕާލިމެންޓަރީ ގްރޫޕްތަކުން ހުށަހެޅިދާނެ ކަމަށާއި ނަމަވެސް ސިޔާސީ ޕާޓީތަކުން އެއްވެގެން އުފައްދާ ކޯލިޝަނަކުން އައިޕީޔޫއަކަށް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ.
މޫސަ ވަނީ ދާދި ފަހުން ބަންގާޅުގައި ނިމުނު އައިޕީޔޫގެ އަހަރީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
"އަޅުގަނޑު މިއައީ އެކަމާ އައިޕީޔޫއާ ބައްދަލުކޮށް އެ ވާހަކަ ދައްކާފައި. އައިޕީޔޫ ގަބޫލު ކުރާ ކަމެއް ނޫން އެއީ ރާއްޖޭގެ ޕާލިމެންޓް ހިނގަޔަ ނުދީ ބަޔަކު މީހުން ޕާލިމެންޓް ހައިޖެކް ކޮށްގެން މަސަތްކަތް ކުރުމަކީ. އެކަން އެގޮތަށް ކުރާކަށް އައިޕީޔޫގެ ސެކެޓްރީ ޖެނަރަލް ވެސް ގަބޫލުފުޅެއް ނޫން ކަން ތަކުރާރުކޮށް ވިދާޅުވަމުން ދަނީ،"
"ބަޔަކު އެތަނަށް އެއްޗިހިތަކެއް ފޮނުވާ ވާހަކަ ދެއްކި ނަމަވެސް އަޅުގަނޑު މިއައީ އެންމެ ފަހުން ޕާލިމެންޓްގައި ހިނގައި ދިޔަ ކަންކަމާއި މިހާރު ހިނގަމުން މިދާ ކަންތައްތަކާ ބެހޭ މައުލޫމާތާއި ވީޑިއޯ އާއި އެ ހުރުހާ އެއްޗިހި އައިޕީޔޫއަށް ހުށަހަޅާފައި،" އޭނާ ވިދާޅުވިި އެވެ.
މޫސަ ވިދާޅުވީ ބައެއް ފަރާތްތަކުން މަޖިލިސް ގަވާއިދާ ހިލާފަށް ގެންދާ ކަން ދައްކަން މަސަތްކަތް ކުރި ނަމަވެސް ރިޔާސަތުން މަޖިލިސް ކުރިއަށް ގެންދަވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށެވެ.