05 Jul 2011, 17:18
މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތައް ފަހު ދާނެ ވަކި ކްލަބެއް އިޚްތިޔާރުކުރާނެކަމަށް އެތްލެޓިކް މެޑްރިޑަށް ކުޅެމުންދާ އާޖެންޓީނާ ތަރި ސާޖިއޯ އަގުއެރޯ ބުނެފި އެވެ.
އުމުރުން 23 އަހަރުގެ ފޯވާޑް އަގުއެރޯއަށް މިދިޔަ މެއި މަހުން ފެށިގެން ލޯ އަޅަމުންދާ ކްލަބުތަކުގެ ލިސްޓްގެ އެންމެ ކުރީގައި އުޅެނީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ އަދި އިޓަލީގެ ޔުވެންޓާސްއެވެ. ނަމަވެސް އަގުއެރޯ ރަސްމީ ސިފައެއްގައި ހުށަހެޅުމެއް ލިބިފައިވަނީ ޔުވެންޓަސްއިންނެވެ. މީގެ ކުރިން އަގްއެރޯ ހޯދަން މަސައްކަތް ކުރަމުން އައި ޗެލްސީ ވަނީ އެ ރޭހުން ވަކިވެފަ އެވެ.
"އަހަރެންގެ ކުރިމަގު ދެން ކަނޑައަޅާނީ ކޮޕާ އެމެރިކާއަށްފަހު. ކޮޕާ އެމެރިކާ ނިމުމުން އެނގޭނެ ކޮން ކްލަބަކަކަން އަހަރެން ދާނީ،" އަގުއެރޯ ބުންޏެވެ. އޭނާ ބުނެފައި ވަނީ މިވަގުތު އޭނާގެ ހުރިހާ ވިސްނުމެއް ދޫކޮށްލާފައި ވަނީ ކޮޕާ އެމެރިކާގައި ގައުމަށް ކާމިޔާބު ހޯދައި ދިނުމަށް ކަމަށެވެ.
މިދިޔަ ހުކުރުދުވަހު ކޮޕާ އެމެރިކާ މެޗްގައި އާޖެންޓީނާއާއި ބޮލީވިއާ ކުޅުނު މެޗުން އާޖެންޓީނާ ބަލިވަމުން ދަނިކޮށް ސަލާމަތްކޮށްދީފައިވަނީ އަގުއެރޯ އެވެ. އަގުއެރޯގެ ރިލީޒް ފީއަކީ 35.6 މިލިޔަން ޕައުންޑެވެ.