ްޑަބްލިއުއެޗްއީ އިން ރާއްޖެއަށް މިހާތަނަށް ހަދިޔާކޮށްފައި ވަނީ 550 ވެކްސިން ކަމަށާއި، ދައުލަތުގެ ހަރަދުގައި ލައްކައަކަށް ވުރެ ގިނަ ވެކްސިން ގަނެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެޗްޕީއޭގެ ސްވައިފުލޫއާ ގުޅިގެން އުފެއްދި ޓެކްނިކަލް ޓީމުގެ ބޭފުޅުން ހާޒިރުކޮށްް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ.

އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ޑަބްލިއުއެޗްއޯއިން ވެކްސިން ހަދިޔާކުރި ކަމުގެ މައުލޫމާތުތަކެއް އުޅޭ ކަމަށެވެ. އެހެން ކަމަށްވާ ނަމަ އެ ވެކްސިން ރައްޔިތުންނަށް ވިއްކަނީ ކީއްވެގެންތޯ ރޮޒައިނާ ސުވާލުކުރެއްވި އެވެ.

އެޗްޕީއޭ ހާޒިރުކުރި ކޮމިޓީގައި މެމްބަރު ރޮޒައިނާ އާދަމް --- ފޮޓޯ މުހައްމަދު އަފްރާހް

އެސުވާލަށް ޖަވާބުދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރު ޑރ. ޝީޒާ އަލީ ވިދާޅުވީ ޑަބްލިއުއެޗްއޯ އިން މިހާތަނަށް ރާއްޖެއަށް ހަދިކޮށްފައި ވަނީ 550 ވެކްސިން ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މިހާތަނަށް 171،826 ވެކްސިން ގަނެފައިވާނެ ކަމަށް ރަމީލާ ވިދާޅުވި އެވެ.

"އަދި މިހާތަނަށް އަޅުގަނޑުމެންނަށް އެ ވިދާޅުވާ 30،000 ވެކްސިނެއް ނުލިބޭ. އެހެންނަމަވެސް 65 އަހަރުން މަތީގެ މީހުންނަށް އެކަނި ޖެހޭ ގޮތަށް 550 ވެކްސިނެއް މިހާތަނަށް ޑަބްލިއުއެޗްއޯ އިން ދެއްވައިފި. އެއީ މީގެ ދެދުވަހެއް ވަރު ކުރިން،" ޑރ ޝީޒާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީގައި އެޗްޕީއޭގެ އޮފިޝަލުން ސްވައިލް ފުލޫއާ ގުޅޭ ގޮތުން މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަނީ --- ފޮޓޯ މުހައްމަދު އަފްރާހް

ޝީޒާ ވިދާޅުވީ ޑަބްލިއުއެޗްއޯގެ އެ ވެކްސިން ލިބުނު އިރު 65 އަހަރުން މަތީގެ މީހުންނަށް ޖަހަން ޖެހޭ ވެކްސިން އަތޮޅުތެރެއަށާއި އެއްކޮށް ފޮނުވައި ޖަހާ ނިންމާފައިވާ ކަމަށެވެ. ޝީޒާ ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ހަދިޔާ ކުރި 550 ވެކްސިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 65 އަހަރުވީ މީހުންނަށް ދޭން ނިންމާފައިވާ ކަމަށާއި "އެއްގޮތަކަށް ވެސް ނުވިއްކާނަން" ކަމަށެވެ.

ރާއްޖެއަށް ޑަބްލިއުއެއްޗްއޯ އިން 10،000 ވެކްސިން ހަދިޔާ ކުރި ކަމުގެ ވާހަކަތަކެއް މީޑިއާގައި ފެތުރުނެވެ. އެހެންނަމަވެސް އެއީ ފުލޫ ވެކްސިނެއް ނޫނެވެ. އެއީ ފުލޫއަށް ދެވޭ ޓެމިފުލޫ ނަމަކަށް ކިޔާ ބޭހެކެވެ.

މެޑަމް ފާތުން ވެކްސިން އެތެރެކުރީ ހުއްދަލިބިގެން

ފުލޫއާ ގުޅިގެން ބައެއް އަމިއްލަ ފަރާތްތަކުން ވެކްސިން އެތެރެކުރާ ކަމުގެ މައުލޫމާތު ލިބޭ ކަމަށް އެޗްޕީއޭ ހިންގުމާ ހަވާލުވެ ވަޑައިގެން ހުންނެވި ޑރ. އައިޝަތު ރަމީލާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ވަކި ޓެމްޕަރޭޗަ އެއްގައި ބަހައްޓަން ޖެހޭ އެއްޗެއް ކަމަށާއި އެހެންކަމުން ހުއްދަ ލިބިގެން ނޫން ގޮތަކަށް އެ ވެކްސިން އެތެރެ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެޗްޕީއޭ ހާޒިރުކުރި ކޮމިޓީގައި މެމްބަރު މުހައްމަދު ފަލާހް -- ފޮޓޯ /މުހައްމަދު އަފްރާހް

މެޑަމް ފާތިމަތު އިބްރާހިމްގެ ހާސް ބެލުމުގެ ދަށުން ރާއްޖެއަށް ވެކްސިން އެތެރެކުރި ކުރުމާ ބެހޭ ގޮތުން ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ. މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވި ބައެއް ފަރާތްތަކުން ވެކްސިން އަތަށް ލައިގެން ފޮޓޯ ނަގާ ވެސް ހެދި ކަމަށެވެ. އަދި އެއީ ރަނގަޅު ގޮތެއްތޯ ސުވާލުކުރެއްވި އެވެ.

ޑރ. ރަމީލާ ވިދާޅުވީ ރާއްޖޭން ބޭރުން އަންނަ ފަރާތްތަކުން ދަބަހަށް ލައިގެން ވެކްސިން ގެނައިކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ރަމީލާ ވިދާޅުވީ ސޯޝިއަލް މީޑިއާގައި އާންމު ކުރި ފޮޓޯތަކުގައިވާ ފަރާތްތައް (މެޑަމް ފާތުންގެ ޓީމުން) ވެކްސިން ގެނައީ އެފްޑީއޭގެ ހުއްދަ ލިބިގެން ކަަމަށެވެ. އަދި އެކަން މޮނިޓަ ކުރި ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް ވެކްސިން އަތަށް ލައިގެން ފޮޓޯ ނެގި ނެގުން ރަނގަޅު ނޫން ކަމަށާއި އެކަން އިސްލާހު ކުރަން ޖެހޭ ކަމަށް ޑރ. ރަމީލާ ވަނީ ވިދާޅުވެފަ އެވެ.

ފުލޫއާ ގުޅޭ ގޮތުން މެމްބަރުން ކުރި ސުވާލުތަކަށް ޑރ ޝީޒާ ޖަވާބުދެއްވަނީ -- ފޮޓޯ/ މުހައްމަދު އަފްރާހް

"އެގޮތަށް ފޮޓޯ ނެގުމަށް ޓަކައިވެސް ޓެމްޕަރޭޗަގެ ތެރޭން ނެގިގެން ނުވާނެ. އެބޭފުޅުންނާ ވާނީ އެވާހަކަ ދެކެވިފައި. އެކަންތަކަށް އިސްލާހު ވެސް ގެނެވިފައި ވަނީ. އެ ވެކްސިންއަކީ ރަނގަޅު ކޮންޑިޝަނެއްގައި އެތެރެކުރެވި ރަނގަޅު ކޮންޑިޝަނެއްގައި ބަހައްޓައިގެން ދީފައިވާ ވެކްސިން،" ޑރ. ރަމީލާ ވިދާޅުވި އެވެ.

ޑރ. ޝީޒާ ވިދާޅުވީ ވެކްސިންއަކީ ދެ ޑިގްރީ އާއި އަށް ޑިގްރީ އާ ދޭތެރޭގައި އުފައްދާ ހިސާބުން ފެށިގެން ޖަހާ މީހާގެ ކޮނޑާ ހަމައަށް ހުންނަން ޖެހޭ އެއްޗެއް ކަމަށެވެ.

"މިކަން ޔަގީން ނުކުރެވެންޏާ ވެކްސިންގެ ކޮލިޓީއެއް ޔަގީނެއް ނުކުރެވޭނ. ކޮލިޓީ ޔަގީން ނުކުރެވޭ އެއްޗެއް ދީގެން އިތުރު ގެއްލުންތަކެއް ތަހައްމަލު ކުރަން ޖެހިދާނެ.ެ" ޑރ. ޝީޒާ ވިދާޅުވި އެވެ.

މިހާތަނަށް ޖުމްލަ 769 މީހަކު ޓެސްޓް ކުރެއްވިފައިވާ އިރު އޭގެތެރެއިން 261 މީހަކު ވަނީ ސްވައިން ފުލޫއަށް ޕޮސިޓިވްވެފަ އެވެ.