ރާމަﷲ (އެޕްރީލް 6): އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރަށެއް ކަމަށްވާ ރާމަﷲ ގެ އިރު އުތުރުގައި ހަރަކާތްތެރިވަމުންދިޔަ އިސްރާއީލު ސިފައިންގެ މީހަކަށް ހަމަލާދީ އެ މީހާ މަރާލައިފިއެވެ.

އިސްރާއީލުން ބުނީ އެގައުމުގެ ސިފައިންގެ މީހާ މަރާލާފައި ވަނީ ފަލަސްތީނުގެ ޒުވާނަކު ދުއްވާފައި ދިޔަ ކާރެއް އޭނާގެ ގައިގައި ގަސްދުގައި ޖައްސައި އެކްސިޑެންޓް ކޮށްލައިގެންކަމުގައެވެ. އިސްރާއީލު ފުލުހުންވަނީ އެ ކާރުގެ ޑްރައިވަރު ހައްޔަރުކޮށްފައެވެ. ހައްޔަރުކުރުމުގެ ކުރިން އެކާރަށް އިސްރާއީލު ސިފައިން ބަޑީގެ ހަމަލާތަކެއްދިންކަމަށްވެއެވެ. ނަމަވެސް ހައްޔަރުކުރި ފަލަސްތީނުގެ ޑްރައިވަރަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އިސްރާއީލުގެ އަޅުވެތިކަމުން މިނިވަންވުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ ޖިހާދުގެ ހަރަކާތްތަކުގައި މިފަދަ އެކްސިޑެންޓްތައް ކޮށްގެން އިސްރާއީލުގެ އިސްތިއްމާރީ ސިފައިންނާއި ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ހަރުކަށި ޔަހޫދީ ވަޒަންވެރިން މެރުމަކީ އާންމުކޮށް ކުރަމުން ގެންދާކަމެކެވެ.

ފަލަސްތީނުގެ މުޖާހިދުން ހިންގާ މިފަދަ ޖިހާދުގެ އޮޕަރޭޝަންތަކުގައި 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްރާއީލުގެ 40 އަށް ވުރެގިނަ މީހުން މަރާލައި ސަތޭކައަށްވުރެ ގިނަމީހުން ޒަޚަމް ކޮށްލާފައިވެއެވެ. އަދި މިފަދަ ޖިހާދީ އޮޕަރޭޝަންތައް ހިންގާ ފަލަސްތީނުގެ މުޖާހިދުންގެ ގަޔަށް ބަޑިޖަހައިގެން އިސްރާއީލުން މި މުއްދަތުގައި ފަލަސްތީނުގެ 230 މީހުން ޝަހީދުކޮށްލާފައިވެއެވެ.

މިދިޔަ ޖަނަވަރީ މަހުވެސް ފަލަސްތީނުގެ މުޖާހިދަކު ގުދްސުގައި ދުއްވާފައިދިޔަ ކާރެއް އިސްރާއީލުގެ އިސްތިއްމާރި ސިފައިންގެ ބައެއްގެ ގައިގައި ޖައްސައި އޭގެތެރެއިން ހަތަރު ސިފައިން މަރާލައި 17 މީހުން ޒަޚަމްކޮށްލާފައިވެއެވެ. މިގޮތަށް ޖިހާދުގެ ހަރަކާތްތައް ފަލަސްތީނުގެ ޖަމާއަތްތަކުން ހިންގަންފެށީ 2015 ވަނަ އަހަރު އިސްރާއީލުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށް ގޯނާކޮށް އެ މުގައްދަސް ބިނާގެ ހުރްމަތް ކެނޑުމުގެ ޖަރީމާތައް ތަކުރާރުކޮށް ހިންގަން ފެށުމުންނެވެ. (އަލްޖަޒީރާ)