06 Apr 2017, 14:48
މާލޭގެ ދެކުނުން ކ. އެނބޫދޫފަޅު ހިއްކައިގެން ހަދާ 10 ރިސޯޓުގެ ތެރެއިން ފުރަތަމަ ތިން ރިސޯޓު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އެމަޝްރޫއު ހިންގާ ކުންފުނިން ބުނެފި އެވެ.
ތައިލެންޑުގެ ސިންހާ އެސްޓޭޓް ކުންފުންޏާއި، ރާއްޖޭގެ ޑްރީމް އައިލެންޑް ހޯލްޑިންގްސް ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ، ޑްރީމް އައިލެންޑް ޑިވެލޮޕްމެންޓް ކިޔާ ކުންފުނިން ދަނީ ކ. އެނބޫދޫފަޅުގައި ވަކި ވަކިން ނުވަ ރަށް ހިއްކަމުންނެވެ.
ސިންހާ އެސްޓޭޓުން ކުރިޔަށް ގެންދާ މި ބިޔަ މަޝްރޫއުގެ ފުރަތަމަ ތިން ރިސޯޓު އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ.
އެކުންފުނިން ބުނި ގޮތުގައި ރާއްޖޭގައި ހުޅުވާ ފުރަތަމަ ތިން ރިސޯޓަކީ، ދުނިޔޭގެ މަޝްހޫރު ހޮޓެލް އަދި ރެސްޓޯރަންޓް ޗެއިން "ހާޑް ރޮކް"ގެ ބްރޭންޑުގެ ދަށުން ހުޅުވާނެ ތިން ރިސޯޓެވެ.
ސިންހާ އެސްޓޭޓުގެ ސީއީއޯ ނެރިސް ޗޭކްލިން ވިދާޅުވީ، ހާޑް ރޮކް ހޮޓެލް ގްރޫޕާ ގުޅިގެން ރާއްޖޭގައި ހަދާ ތިން ރަށުގައި ރިސޯޓެއް ހުޅުވުމަށް މިހާރު ވަނީ ސޮއި ވެސް ކޮށްފަ އެވެ.
މި ރިސޯޓުގައި ޔޮޓު މެރީނާއަކާއި ޝޮޕިންގް ޕްރޮމިނޭޑަކާއި ކާބޯތަކެތި ވިއްކާ 20 އަށް ވުރެ ގިނަ ކެފޭ އަދި ރެސްޓޯރަންޓާއި ދުނިޔޭގެ ފެންވަރުގެ ބީޗު ކްލަބަކައި ރާއްޖޭގެ ސަގާފަތާއި އާދަކާދަ އަދި ކަނޑުގެ ދިރުންތައް ދައްކުވައިދޭ މަރުކަޒަކާއި އަދި ކައިވެނި ހަފްލާއާއި ބައްދަލުވުންތައް ބޭއްވުމަށް ދަރުބާރުގެތަކެއްގެ އިތުރުން ހަތަކަށް ވުރެ ގިނަ ބްރޭންޑުގެ ހޮޓެލް ހިމެނޭނެ އެވެ.
"ހާޑް ރޮކްއާ އެކު މިފަދަ ބޮޑު މަޝްރޫއެއް ހިންގޭތީ އަޅުގަނޑުމެން ފަޚުރުވެރިވަން،" ސިންހާގެ ސީއީއޯ ނަރިސް ޗޭކްލަން ވިދާޅުވި އެވެ.
ހާޑް ރޮކް ހޮޓެލް ގްރޫޕުގެ ފަރާތުން ލިއޮންގް ވީ ޖޫން ވިދާޅުވީ އެ އެއްބަސްވުމަކީ ކުރިޔަށް އެޅުނު ވަރަށްބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި ހާޑް ރޮކްއިން ސިންހާއާ ގުޅިގެން ވަރަށް އާދަޔާ ޚިލާފު، ފެންވަރު ރަނގަޅު ރިސޯޓެއް ތަރައްގީ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.