ވޮޝިންޓަން (އޭޕްރިލް 5): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީނިއާ ސްޓްރެޓެޖިސްޓް ސްޓީވް ބެނަން އެގައުމުގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލް (އެންސްއެސްސީ)ން ވަކިކޮށްފި އެވެ.

މިދިޔަ ޖެނުއަރީ މަހު އެންއެސްސީގެ މެމްބަރަކަށް ބެނަން އައްޔަން ކުރުމާ ގުޅިގެން ފާޑު ކިޔާ ފަރާތްތަކުން ވަނީ ގައުމުގެ ދިފާއީ ކަންތައްތަކާއި، ހާރިޖީ ސިޔާސަތާއި ޖާސޫސީ މައުލޫމާތާ ބެހޭ ކަންތައްތައް ޓްރަމްޕުގެ ސަރުކާރުން ސިޔާސީ ކުރަނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެންއެސްސީން ބެނަންއަށް ޖާގައެއް ދިނީ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މައިކަލް ފްލިންގެ ހަރަކާތްތައް ބެލުމަށެވެ.

ސަރުކާރުގެ މަގާމަކަށް އައްޔަން ކުރުމުގެ ކުރިން، އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން ރަޝިއާގެ ސަފީރާ ވާހަކަ ދެއްކެވި މައްސަލައެއް ފެންމަތިވުމާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު ފްލިން ވަނީ މަގާމުން ދުރުކޮށްފަ އެވެ. (ބީބީސީ)