މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝްގެ ރާޖްޝަހީގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ދަރިވަރު ރައުދާ އާތިފްގެ މަރާ ގުޅިގެން އެކިގޮތްގޮތަށް ވާހަކަތައް ނުފެތުރުމަށް ދިވެހު ފުލުހުުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ދިވެހި މީޑިއާތަކުން ރައުދާގެ ހަބަރު ގެނެސްދިނުމުގައި އެކިގޮތްގޮތަށް ވާހަކަތައް ނުގެނެސް ދިނުމަށާއި އެކަމުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅެމުންދާ ކަމަށެވެ.

ރައުދާގެ މަރުގެ މައްސަލަ ބަންގްލަދޭޝްގެ ރާޖްޝަހީ މެޓްރޮޕޮލިޓަން ޕޮލިހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ ތަހުގީގުގައި ބައިވެރިވެ، ކަންކަން ކުރަމުންދާ ގޮތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދަނީ ގާތުން ބަލަމުންނެވެ.

ރައުދާގެ މަރަށް ހަފްތާއެއް ވެފައިވާއިރު އޭނާގެ އާއިލާއިން ތުހުމަތު ކުރަމުންދަނީ ރައުދާވަނީ ގަސްތުގައި މަރާލާފައި ކަމަށެވެ. އަދި މިވަގުތު އޭނާގެ އާއިލާގެ މެމްބަރުން ތިބީ ވެރިރަށް ޑާކާގައި ގާނޫނީ ގޮތުން އެ މައްސަލާގައި ކުރިއަށް ދެވޭނެ މަގެއް ހޯދުމަށް ވަކީލުންގެ ލަފާ ހޯދަމަށް ގޮހެވެ.

އާއިލާއިން ބުނަނީ ރައުދާ އަމިއްލައަށް މަރުނުވާ ކަމަށާއި، އޭނާގެ ކަރުގައި ހިފައި، މަރާލީ ކަމަށެވެ. ރައުދާގެ ކަރުގައި ބަޔަކު ހިފާފައިވާ ނިޝާންތަކެއް ވެސް ވަނީ އާއިލާއަށް ފާހަގަވެފައެވެ.

ނަމަވެސް އެފަދަ ނިޝާންތަކެއް ހުރިކަމަށް ބަންގާޅު ފުލުހުން އިންކާރުކުރެއެވެ.

ހޮބީއެއްގެ ގޮތުގައި މޮޑެލްކޮށް، އަދި ދުނިޔޭގެ މަޝްހޫރު ފެޝަން މެގަޒިން "ވޯގް"ގެ ކަވަރަށް އެރި އެންމެ ފުރަތަމަ ދިވެހި މޮޑެލް ރައުދާ އާތިފް މަރުވެފައި ހުއްޓާ ފެނުނީ ކަޝްމީރަށް ނިސްބަތްވާ، ކޮލެޖުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ސީރަތު ޕަރުވީން މުހައްމަދަށެވެ. ސީރަތަކީ މި މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ފަރާތް ވެސް މެއެވެ. އާއިލާގެ އެދުމުގެ މަތިން ސީރަތުގެ ފޯނު ފުލުހުން ވަނީ އަތުލައިފައެވެ.

ރައުދާ މިދިޔަ ހަފްތާގައި މަރުވެފައި ހުއްޓާ ފެނުނު އިރު، އާއިލާއިން ބުނި ގޮތުގައި ރައުދާ މަސައްކަތް ކުރަމުން ދިޔައީ އެމްބީބީއެސްގެ ފުރަތަމަ ޕްރޮފެޝަނަލް އެގްޒާމް ނިންމުމަށްފަހު އޮސްޓްރޭލިއާއަށް ކިޔަވަން ދިއުމަށެވެ.