06 Apr 2017, 12:46
މިނިވަން ޗެމްޕިއަންޝިޕްގެ ނ. އަތޮޅު ބުރުގެ ފައިނަލްގެ ޖާގަތައް މާޅެންދު އާއި ކުޑަފަރީ ހޯދައިފިއެވެ.
އެ މުބާރާތުގެ ނ. އަތޮޅު ބުރުގެ ފައިނަލަށް މާޅެންދޫ ދަތުރުކޮށްފައި ވަނީ އެއްވަނައިގެ ގޮތުގައެވެ. އަދި ފައިނަލަށް ކުޑަފަރީ ދަތުރުކުރީ ދެވަނައިގެ ގޮތުގައެވެ. މާޅެންދޫ ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، ކުޑަފަރީ ބަލިވެފައި ވަނީ ހަމައެކަނި މާޅެންދުއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
އެ މުބާރާތުގެ ނ. އަތޮޅު ބުރުގެ އެއްވަނަ ހޯދި މާޅެންދުއަށް ހަތަރު މެޗުން ދިހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނަ ހޯދި ކުޑަފަރީއަށް ހަތަރު މެޗުން ލިބިފައި ވަނީ ނުވަ ޕޮއިންޓެވެ. ތިންވަނާގައި އޮތް ކެނދިކުޅުދުއަށް ހަތަރު މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ހަތަރުވަނާގައި އޮތް މަނަދުއަށް ތިން މެޗުން އެއް ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ޅޮހި ޓީމަށް ތިން މެޗުން އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ނ. އަތޮޅު ބުރުގައި އިއްޔެ ހަވީރު ކުޅުނު މެޗު ފަސޭހަކަމާއެކު އަމިއްލަ ރަށުގައި ކުޅެމުންދިޔަ ކެނދިކުޅުދޫގެ މައްޗަށް ކުޑަފަރީ ވަނީ ކުރި ހޯދައިފައެވެ. އެ މެޗުން ކުޑަފަރީ މޮޅުވެފައި ވަނީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ. އިއްޔެ ކުޅުނު އެ މެޗުގައި ކުޑަފަރީގެ ހުސައިން ޖަވާދާއި މުހައްމަދު ނާހިޒު، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރިއެވެ.
ނ. އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗު މިއަދު ކުރިއަށްދާނެއެވެ. މިއަދު ހަވީރު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މަނަދު އާއި ޅޮހި ޓީމެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައިވިޔަސް، މަނަދު އާއި ޅޮހި ޓީމަށް ފައިނަލަށް ދިއުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.
ނ. އަތޮޅު ބުރުގެ ފައިނަލުގައި މާޅެންދު އާއި ކުޑަފަރީ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ކެނދިކުޅުދޫގައެވެ. ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް ޒޯން ބުރުގައި ނުކުންނަން ޖެހޭނީ ށ. އަތޮޅުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.