އދ. މަޖިލިސް (އެޕްރީލް 6) : ސޫރިޔާގެ މައްސަލަ ހައްލުކުރުމުގައި އދ. ނާކާމިޔާބު ވެއްޖެ ނަމަ އަސްކަރީ ގޮތުން ސޫރިޔާއަށް ވަދެގަންނާނެ ކަމުގެ އިންޒާރު އެމެރިކާ ދީފި އެވެ.

އދ.ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ނިކީ ހެލީ ވިދާޅުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ މައްސަލަ ގޯހުން ގޯހަށް ގޮސް ހަނގުރާމަ ދިގުލައިގެންދިޔައީ ސޫރިޔާގެ މައްސަލަ ސުލްހަވެރިގޮތުގައި ހައްލުކުރުމުގައި އދ. ނުކުޅެދުމުގެ ސަބަބުންކަމަށާއި ނަމަވެސް އދ. ސޫރިޔާގައި މުޅިން ނާކާމިޔާބު ވެއްޖެ ނަމަ އެކަހެރިގޮތެއްގައި ސޫރިޔާއަށް ވަދެގަތުން ނޫންގޮތެއް އެމެރިކާއަށް ނޯންނާނެ ކަމުގަ އެވެ.

ނަމަވެސް އެމެރިކާ އިން ސޫރިޔާއަށް ވަދެގަންނާނެ ގޮތެއް އަދި އެކަމުގެ އެއްވެސް ތަފްސީލެއް ވެސް ނިކީ ދެއްވާފައެއް ނުވެ އެވެ. ޓްރަމްޕްގެ ސަރުކާރުގައި ތިއްބަވާ އެންމެ ހަރުކަށި ވިސްނުމުގެ ބޭފުޅުންނަށްވުރެ ވެސް ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށް ސިފަކުރެވޭ އިންޑިޔާ ދަރިކޮޅުގެ ނިކީ މިމޭރުމުން ވާހަކަ ދެއްކެވީ ސޫރިޔާގެ ޚާން ޝައިޚޫން ސަރަހައްދަށް ދިން ކެމިކަލް ގޭހުގެ ޙަމަލާއާގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގަ އެވެ.

އެމެރިކާ އެދިގެން ބޭއްވި މި ބައްދަލުވުމުގެ ބޭނުމަކީ ސޫރިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި ސޫރިޔާގެ ވެރިން ގެ މައްޗަށް ބައިނަލްއަގްވާމީ ގޮތުން ޝަރީއަތް ހިންގުމަށް މަގުފަހިވާފަދަ ގަރާރެއް ފާސްކުރުމެވެ. ނަމަވެސް ސޫރިޔާއާ ދެކޮޅަށް އެއްވެސް ގަރާރެއް ފާސްވިޔަ ނުދޭނެ ކަމަށް ބުނެ ވީޓޯ ކުރާނެ ކަމުގެ ނުސީދާ އިންޒާރެއް ރަޝިޔާ ދިނުމުން މިބައްދަލުވުން ވަނީ ކޮޅެއްގައި ނުޖެހި ނިންމާލާފަ އެވެ.

ވައިޓް ހައުސް އިންވަނީ ސޫރިޔާގެ ޚާން ޝައިޚޫން ސަރަހައްދަށް މިދިޔަ އަންގާރަދުވަހު ދިން ކެމިކަލް ގޭހުގެ ޙަމަލާގެ ޒިންމާ އުފުލަންޖެހޭނީ ސޫރިޔާ ސަރުކާރުން ކަމަށް ބުނެ ވަރަށް ހަރުކަށި ބަޔާނެއް ނެރެފަ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ސޮއިކުރައްވައި ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި މިއީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ސޫރިޔާގެ އާންމުންނާ ދެކޮޅަށް ހިންގި ގަތްލުއާންމެއް ކަމަށް ސިފަކޮށްފައިވެ އެވެ.

ސޫރިޔާގެ ޚާން ޝައިޚޫން ސަރަހައްދަށް އަންގާރަދުވަހު ދިން ކެމިކަލް ގޭހުގެ ޙަމަލާގައި މަރުވި މީހުންގެ އަދަދު 71 އަށް އަރާއިރު 50 އަށްވުރެ ގިނަމީހުން ޒަޚަމްވެފައިވެ އެވެ. މިހަމަލާ ދިނީ ރަޝިޔާގެ ބޯޓަކުންނޫނީ ސޫރިޔާ ސިފައިންގެ ބޯޓަކުން ކަމަށް ބެލެވޭ ކަމަށް ސޫރިޔާގެ މުސްތަގިއްލު ޖަމާއަތެއްކަމަށްވާ ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް އިން ބުނެފައިވެ އެވެ.

ކެމިކަލް ހަމަލާ އަމާޒުކުރި ޚާން ޝައިޚޫން ސަރަހައްދަކީ ސޫރިޔާގެ އިދްލިބް ޕްރޮވިންސްގައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ކޮންޓްރޯލް ކުރާ ސަރަހައްދެކެވެ. ނަމަވެސް ސޫރިޔާ ސިފައިންވަނީ ޚާން ޝައިޚޫން ސަރަހައްދަށް ކެމިކަލް ހަމަލާ ނުދޭކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ. ޚާން ޝައިޚޫންއަށް ދިން ޙަމަލާއަކީ ސެރިން ގޭހުގެ ހަމަލާއެއްކަމަށްވެ އެވެ.

އެމެރިކާ ދާދިފަހުން ވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިރާގާއި ސޫރިޔާއަށް އެގައުމުން ދިން ވައިގެ ޙަމަލާތަކުގައި އެދެގައުމުގެ އާންމުންގެ އެތައްް ސަތޭކަ ބަޔަކު މަރުވެފައިވާކަމަށް އެއްބަސްވެފަ އެވެ.

ސޫރިޔާގެ ހަނގުރާމައިގާ ޝާމިލްވާ ހުރިހާ ފަރާތްތަކަކުން ވެސް އާންމުންނަށް ހަމަލާދީ އާންމުން މަރަމުން ގެންދެއެވެ. މީގެތެރޭގައި ސޫރިޔާ ސަރުކާރު ސިފައިންނާއި އިދިކޮޅު ޖަމާއަތްތަކުންނާއި ރަޝިޔާއާއި އެމެރިކާވެސް ހިމެނެ އެވެ.

ސޫރިޔާގައި އދ. ނާކާމިޔާބު ވަނީ ސޫރިޔާއާ ގުޅޭ ކޮންމެ ގަރާރަކާ ދެކޮޅަށް ރަޝިޔާއާއި ޗައިނާއިން ވީޓޯގެ ބާރުގެ ބޭނުން ކުރަމުން ދިޔުމުގެ ސަބަބުންނެވެ. އެމެރިކާވެސް ފަލަސްތީނު މައްސަލާގައި އިސްރާއީލުގެ ދިފާއުގައި ކަންތައް ކުރަމުން ގެންދަނީ މިބީދައިންނެވެ. އެހެންކަމުން ފަލަސްތީނުގެ މައްސަލާގައި އދ. ވަނީ ނާކާމިޔާބުވެފައެވެ. ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަންނާނެ ކަމުގެ އިންޒާރު އެމެރިކާ ދިން ނަމަވެސް ރަޝިޔާއިން ވަރަށް ވަރުގަދައަށް އަސްކަރީ ގޮތުން ސޫރިޔާއަށް ވަދެގެންފައިވާތީ ރައީސް ބައްޝާރުލްއަސަދު ގެ ވެރިކަން ވައްޓާލުން ފަދަ ކަމެއްގައި ރަޝިޔާއަށް ގޮންޖަހަން އެމެރިކާއަށް ނުކެރޭނެ ކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކެ އެވެ.

ރަޝިޔާއަކީ އަސްކަރީގޮތުން އެމެރިކާއާ ދާދި އެއްވަރުގެ ބާރަކަށްވާތީ ރަޝިޔާއަށް ގޮންޖަހާފައި ސޫރިޔާގައި ރަޝިޔާ ނޭދޭ ކަމެއް ކުރަން އެމެރިކާއަށް ނުކެރޭނެކަމަށާއި އަސްކަރީ ގޮތުން ކުރިމަތިލުމަކަށް ނުދިޔުމަށް އެދެގައުމުގެ ދެމެދުގައި އެއްބަސްވުމެއް އޮންނަކަމަށް ވެސް މިފަރާތްތަކުން ބުނެ އެވެ. (ނޫސްއެޖެންސީތައް)