ޑީއާރްޕީގެ މަޖިލިސް މެންބަރުންތަކެއް އެމްޑީޕީއާ ގުޅުމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އާއި މައިނޯރިޓީ އަށް ބަދަލު އައުމުން، ދާއިމީ ކޮމެޓީތަކަށް މެންބަރުން ބެހުމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް އެއްކައިރިކޮށް، ޕާލަމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ އެއްބަސްވުމާ އެކު ކޮމެޓީތަކުގެ މައްސަލަ ހައްލުކޮށްފި އެވެ.

އެންމެ ބޮޑު ދެ ޕާޓީ، ޑީއާރްޕީ އާއި އެމްޑީޕީއާ ދެބަސްވުންތަކާ ހުރެ މަޖިލީހުގައި ހިމެނޭ ކުދި ޕާޓީތަކާއި މިނިވަން މެންބަރުން ބެހުމާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް އެއްކައިރިކޮށް މައްސަލަ ހައްލު ކުރީ މިހާރު މަޖިލީހުގައި ކުރިއަށްދާ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންގެ ބައްދަލުވުމުގަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ ކޮމެޓީތަކަށް މެންބަރުން ބެހުމާ މެދު އެއްބަސްވެފައިވާ ގޮތަށް މެންބަރުން ބެހުމުގެ މަސައްކަތް މިހާރު މަޖިލީހުގައި ކުރިއަށްދާ ކަމަށެވެ. ނަމަވެސް ކޮމެޓީތަކަށް މެންބަރުން ބެހުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލްތަކެއް އޭނާ ނުދެއްވި އެވެ.

"ހުރިހާ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުން ބައިވެރިވެގެން މިއަދު އެއްބަސްވުމަކަށް މިއާދެވުނީ. މިހާރު ވެސް އެކަން ކުރަމުން މިދަނީ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމެޓީތަކަށް މެންބަރުން ބެހިގޮތުގެ ތަފްސީތަކެއް ދިނުމަށް މިރޭ 8:30 ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. މިރޭގެ ޖަލްސާގައި ކޮމެޓީތަކަށް ޕާޓީތަކުގެ ނިސްބަތަށް ބަލައި މެންބަރުން ބަހާ ގޮތުގެ ތަފްސީލާއި މިނިވަން މެންބަރުން ބެހި ގޮތުގެ ތަފްސީލް ރިޔާސަތުން އިއުލާން ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މިރޭގެ ޖަލްސާ ބާއްވާނެ ކަން އަދި ފައިނަލް ނުކުރާ ކަމަށެވެ.

ކޮމެޓީތަކުގެ މައްސަލަ ހައްލު ނުކުރެވި ގިނަދުވަސް ވުމުން މަޖިލިސް މެންބަރުން ވަނީ އެ މައްސަލަ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އަދި މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާ އާއި އަންގާރަ ދުވަހުގެ ޖަލްސާ ވެސް މެދުކަނޑާލަން ޖެހުނީ ކޮމެޓީތަކުގެ މައްސަލާގައި މެންބަރުން ތަޅުމުގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުންނެވެ. އަދި މިހަފްތާގައި ބާއްވަން ނިންމި އެއްވެސް ޖަލްސާއެއް އަދި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.
ްް
ކޮމެޓީތަކަށް މެންބަރުން އަންޔަން ނުކުރެވުމުން މި އަހަރުގެ ދެ ވަނަ ދައުރުގައި މަޖިލީހުގައި "އެއްވެސް އުފެއްދުންތެރި" މަސައްކަތެއް ކުރެވިފައެއް ނުވެ އެވެ.