14 May 2010, 05:42
10:00
އިންސާނީ ހައްޤުތައް ހިމާޔަތްކުރާ އދ.ގެ މަޖިލީހުގެ ގޮނޑިއެއް ރާއްޖޭން ކާމިޔާބުކޮށްފި އެވެ.
ނިއުޔޯކްގައި ހުންނަ އދ. ގެ މައިމަރުކަޒުގައި ރޭ ބޭއްވި އެ އިންތިހާބްގައި އދ. ގެ މެމްބަރު 188 ޤައުމަކުން ވޯޓުދީފައިވާ ކަމަށާއި ރާއްޖޭން މި އިންތިހާބް ކާމިޔާބުކޮށްފައިވަނީ އިންތިހާބްގައި ރާއްޖެއާ އެކު ވާދަކުރި ޤައުމުތަކާ ވާދަކޮށް 185 ވޯޓް ކާމިޔާކޮށްގެން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި މިއީ މި މަޖިލީހުގެ އިންތިހާބެއްގައި ޤައުމަކަށް މިހާ ގިނަ ވޯޓް ލިބިގެން ދިޔަ ދެވަނަ ފަހަރު ކަމަށާއި މީގެކުރިން 185 ވޯޓް ލިބިފައިވަނީ 2007 ވަނަ އަހަރުގެ އިންތިހާބްގައި އިންޑިއާއަށް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި އިންތިހާބްގައި އޭޝިއާގެ ސަރަހައްދުން ރާއްޖެއާ އެންމެ ގާތުން ވާދަކުރި ތައިލޭންޑަށް ލިބިފައިވަނީ 182 ވޯޓެވެ. އަދި ތިން ވަނަ 179 ވޯޓާއެކު މެލޭޝިއާއަށް ލިބުނުއިރު އެންމެ ފަހު ޖާގަ ލިބިފައި ވަނީ ޤަތަރަށެވެ.
މިއިންތިހާބް ރާއްޖެއިން ކާމިޔާބު ކުރުމާއެކު ރާއްޖެވެފައި ވަނީ އިންސާނީ ހައްގުތައް ހިމާޔަތްކުރާ އދ. ގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރި އެންމެ ކުޑަ ޤައުމަށެވެ. އަދި މިހާރު އެ މަޖިލީހުގައި ތިބި މެންބަރުންގެ ތެރެއިން ޖިބޫޓީ އަށްފަހު އެންމެ އިޤްތިސާދީ ގޮތުންވެސް އެންމެ ކުޑަ ޤައުމަކީ ރާއްޖެ އެވެ.
މި އިންތިހާބަށްފަހު ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިއީ ދިވެހި ރާއްޖެއަށް އައި ވަރަށް ފަހުރުވެރި ދުވަހެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގައި މާ ފާހަގަނުކުރެވޭ ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން، ބައިނަލްއަގުވާމީ މައިދާނުގައި ބަސްވިކޭ ޤައުމުތަކުގެ ސަފަށް ރާއްޖެއަށް ދިއުމަށް ފެށި ދަތުރުގައި ފާހަގަކޮށްލެވޭ މަންޒިލެއް ކަމުގައި ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.
މިފަހަރުގެ މި އިންތިހާބްގައި ބަހާލެވިފައިވާ ފަސް ސަރަހައްދަކުން 14 ޤައުމެއް ބައިވެރިވެފައިވެ އެވެ.