ބޮލީވުޑްގެ މަޝްހޫރު ބަތަލާއި ކާޖޮލްއާ ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަންގެ ދުވަސްވީ އެކުވެރިކަމަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ހީނަރުކަމެއް އައިސްފަ އެވެ. މިވަގުތު ކާޖޮލް ކަރަން ޖޯހަންއާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫނެވެ.

ކާޖޮލް، 42، ޑީއެންއޭ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، މިވަގުތު އެންމެ ރަނގަޅު ގޮތަކީ ކަރަން ޖޯހަންގެ ވާހަކަ ނުދައްކާ ހީމެނުން ހުރުން ކަމަށެވެ. އަދި ފަހުން ވާހަކަ ދައްކަން ބޭނުންވެއްޖެ ނަމަ މުޅި ދުނިޔެ ވެސް އެ ވާހަކަ އަޑުއަހާނެކަން ޔަގީންކުރާނެ ކަމަށް ކާޖޮލް ބުންޏެވެ.

ކާޖޮލް އާއި ކަރަންގެ އެކުވެރިކަން ކެނޑިފައި ވަނީ މިދިޔަ އަހަރު ކަރަން އުފެއްދި "އޭ ދިލް ހެ މުޝްކިލް" އާއި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ "ޝިވާއޭ"އެއް ދުވަހަކު ބޮކްސް އޮފީހުގައި ވަރުގަދަ ކުރިމަތިލުމަކަށް ދާން ޖެހުނު ހިސާބުން ފެށިގެންނެވެ.

ކާޖޮލް އާއި ފިރިމީހާ އަޖޭ---

އެެކަންތައް ފުރަތަމަ މައްސަލަ އަކަށް ހަދާފައި ވަނީ އަޖޭ އެވެ. އޭނާ ޓުވީޓްކުރި އޯޑިއޯއެއްގައި ފިލްމު ކްރިޓިކްސްއެއް ކަމަށްވާ ކަމާލް އާރް. ޚާނަށް ރިޝްވަތު ދޭން ކަރަން އޭނާއާ ދައްކާ ވާހަކަ އަޑު އިވޭ ކަމަށް ބުނެ އެވެ. ނަމަވެސް ފަހުން މިއީ ރަނގަޅު އޯޑިއޯއެއް ނޫންކަން ސާބިތު ވެފައިވެ އެވެ.

ކަރަން ވަނީ އޭނާއާއި ކާޖޮލްގެ ދެމެދުގައި ޖެހުނު މައްސަލަތަކުގެ އިލްޒާމް އަޖޭގެ ބޮލުގައި އަޅުވައި އޭނާގެ އޮޓޯބަޔޯގްރަފީ "ދި އަންސޫޓެބަލް ބޯއީ" ގައި ހާމަކޮށްފަ އެވެ. އޭނާ ވަނީ މިހާރު ކާޖޮލް އާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ދެން ދުވަހަކު ވެސް ކާޖޮލް އަށް އޭނާގެ ހަޔާތަށް އައުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް ލިޔެފަ އެވެ.

ޑީއެންއޭ އަށް ދިން އިންޓަވިއުގައި ކާޖޮލް ބުނެފައި ވަނީ، ކަރަން އަކީ ތެދުވެރިއެއް ކަމަށް މީހުންގެ ލޯތަކަށް ދެއްކިގެން އުޅޭ ވަރަށް ފޭކް މީހެއް ކަަމަށެވެ.

ކަރަން އަށް ވަނީ ދާދި ފަހަކުން އެއްމާބަނޑު ދެކުދިން ލިބިފަ އެވެ. އޭނާ މިހާރު އުޅެނީ އޭނާގެ ލޯބިވާ ދެ ދަރިންކަމަށްވާ ޔާޝް އާއި ރޫހީ ހޮސްޕިޓަލްއިން ގެއަށް ގެނެސް ދެ ދަރިން ބެލުމުގެ މަސައްކަތުގަ އެވެ.

ކަަރަންއަށް ދެ ދަރިން ލިބުމުގެ އުފަލުގައި ބޮލީވުޑްގެ ބައެއް ތަރިން ކަރަންގެ ގެއަށް ޒިޔާރަތް ކުރަމުންދާއިރު ކާޖޮލް ނާދެ އެވެ.