ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ ކޮމެޑީ ރޮމޭންޓިކް ފިލްމު، "މީ ލޯތްބަކީ"ގެ ހައުސްފުލް ޝޯ އަކާ އެކު ރޭ އޮލިމްޕަހުގައި ރިލީޒްކޮށްފި އެވެ.

"މީ ލޯތްބަކީ"ގެ ވާހަކަ ދެކެވެން ފެށިހިސާބުން ފެށިގެން އެ ފިލްމު ބަލާލަން ގިިނަ ބަޔަކު ދިޔައީ އިންތިޒާރު ކުރަމުންނެވެ. އެ އިންތިޒާރަށް ނިމުން ގެނައީ ސަޕްރައިޒްތަކަކާ އެކު އެވެ.

ފިލްމުގެ ހައުސްފުލް ޝޯއެއް ރޭ އޮލިމްޕަހުގައި ދައްކާފައިވާ އިރު، ފިލްމުން ވަރަށް ހާއްސަ މޫނުތަކެއް ފެނިގެންގޮސްފައިވެ އެވެ. އެގޮތުން ފާހަގަ ކޮށްލެވުނީ ކުރީގެ ދިވެހި ފިލްމުތަކުން ބެލުންތެރިންގެ ހިތްތައް ދަމައިގަނެފައިވާ އިސްމާއީލް ވަޖީހުގެ ހުނަރު ގިނަ ދުވަސްތަކަކަށް ފަހު ރޭ އެޅުވި ފިލްމުން ފެނިގެންދިޔަަ ކަމެވެ.

މިދިޔަ އަހަރު ރިލީޒް ކުރި "ވާށޭ އެކީ މަށާ"ގެ ބޮޑު ކާމިޔާބީއަށް ފަހު ޑާކްރެއިންގެ ފަރާތުން މި އަހަރު ރިލީޒް ކުރި ފުރަތަމަ ފިލްމު "މީ ލޯތްބަކީ" އިން ފިލްމީ ދާއިރާގައި ތަޖުރިބާކާރު އެކްޓަރުންނާއި މުޅިން އަލަށް ފިލްމީ ދާއިރާ އަށް ތައާރަފްވާ ތަރިން ވެސް ފެނެ އެވެ.

"މީ ލޯތްބަކީ"ގެ ޕްރިމިއާ ނައިޓްގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯތްބާއި، މަޖަލާއި ހިތާމަ ފެނިގެން ދިޔަ އެ ފިލްމަކީ އާއިލާގެ ބޭފުޅުންނާއި ރަހުމަތްތެރިންނާ އެއްކޮށް ބަލާލަން ދާވަރުގެ މޮޅު ފިލްމެކެވެ. ފަހަރެއްގައި އެ ފިލްމުގައި ފެނިގެން ދިޔަ ތަރިން އޭގެ ސަބަބަކަށް ވެދާނެ އެވެ. އޭގެ ތެރެއިން ވެސް ފިލްމުގެ ލީޑުރޯލުން ފެނިގެން ދިޔަ މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލްގެ އެކްޓިން ވަރަށް ފާހަގަ ކޮށްލެވުނެވެ.

މާލެ، ހުޅުމާލެ، ވިލިމާލެ އަދި ކ.ހުރާގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "މީ ލޯތްބަކީ" އިން ފެނިގެން ދިޔަ ހުރިހާ ތަރިންގެ އެކްޓިން ވެސް ވަރަށް ފުރިހަމަ އެވެ. ފިލްމުގެ ޕްރޮޑިއުސަރު ބޭނުންވާ ވަރުގެ މޮޅު ފިލްމަކަށް "މީ ލޯތްބަކީ" ހަދަން އެތަރިން ވަނީ މަސައްކަތްކޮށްފަ އެވެ.

"މީ ލޯތްބަކީ" ގެ ޓްރެއިލާ އެއް---

ރޭ އޮލިމްޕަހުގައި ހުރެ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ "މޮގާ" ބުނީ، ފިލްމު އޮލިމްޕަހުގައި އެޅުވިގެން ދިޔުމުން ވަރަށް ހިިތް ހަމަޖެހުނު ކަމަށާއި ހުރިހާ ތަރިންގެ މޮޅު ހުނަރު ދައްކާފައިވާ އެ ފިލްމަކީ އަނެއްކާ ވެސް ޑާކްރެއިންގެ ފަރާތުން ގެނެސްދިން މުޅިން ތަފާތު ފިލްމެއް ކަމަށެވެ.

އައިޝަތު ފުއާދު ތައުފީގާއި އަލީ ޝިފާއު (ޗިއްޕެ)ގެ ސްކްރީންޕްލޭއަކަށް، ޗިއްޕެ ޑައިރެކްޓް ކުރި ހިތްގައިމު ލަވަތަކެއް ފެނިގެންދެ އެވެ. އެއިން ކޮންމެ ލަވައަކުން ވެސް ފިލްމަށް އިތުރު ހިތްގައިމު ކަމެއް ގެނުވަ އެވެ.

"މީ ލޯތްބަކީ" ގެ ޕޯސްޓަރެއްގައި އައްޒަ އާއި ޖުމައްޔިލް----

ރޭ ފިލްމު ބަލަން އޮލިމްޕަހަށް ވަދެ ތިބި އެންމެ ހެއްވާލި އިރު ފިލްމު ބަލަން ގޮސް ތިބި އެންމެން ވަނީ ފިލްމު ނިމުމާ އެކު ތަރުހީބުގެ އަތްތިލަބަޑިއެއް އަރިސްކޮށްފަ އެވެ. ފިލްމު ބެލުމަށް ފަހު އޮލިމްޕަހުން ނުކުން އެންމެން ވެސް ދިޔައީ ފިލްމަށް ތައުރީފް އޮއްސަމުންނެވެ.

"ފިލްމު ވަރަށް މަޖާ. ވަރަށް ސަޅި ފިލްމެެއްމީ،" ފިލްމު ބަލާފައި ނުކުން ޒުވާނަކު ބުންޏެވެ.

"ޑާކްރެއިންގެ ހުރިހާ ފިލްމެއް ވެސް ވަރަށް ބެސްޓް. މި ފިލްމު ވެސް ހަމަ ހަބޭސް. ވަރަށް ހީފިން މިރޭ،" އެހެން މީހަކު ބުންޏެވެ.