06 Apr 2017, 09:07
ޓީވީ އެކްޓްރެސް އަދި ޑައިރެކްޓަރު، އަދި ހުނަރުވެރި ބަތަލާ އާލިއާ ބަޓްގެ މަންމަ ސޯނީ ރަޒްދާން، މުޅިން އާ ޓީވީ ޝޯއަކާ އެކު ކެމެރާގެ ކުރިމައްޗަށް ނުކުތުމަށް ތައްޔާރުވެއްޖެ އެވެ.
ސޯނީ ރަޒްދާން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މީގެ 11 އަހަރު ކުރިން ސޮނީ ޓީވީ އިން ގެނެސްދިން 'އޭސަ ދޭސް ހެ މޭރާ' އިންނެވެ.
ގިނަ އަހަރުތަކަކަށް ފަހު، ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު ހޯދި ބަތަލާ މިވަނީ އަނެއްކާ ވެސް ޓީވީ ސީރީޒް އަކަށް އެއްބަސްވެފަ އެވެ. ސޯނީ ރަޒްދާން އެނބުރި އަންނަނީ 'އުތުރޭ ނާ ރަންގް މާހީ' ކިޔާ ސީރީޒް އަކާ އެކު އެވެ.
އެ ސީރީޒްގައި އޭނާ އަދާކުރާނީ ރާޖްމާތާ ރާޖޭޝްވަރީ ސިންގް ރަނާވަތު ކިޔާ މީހެއްގެ ރޯލެވެ.
ޓީވީ އަށް އެނބުރި އައުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސޯނީ ރަޒްދާން ބުނީ، ހުށަހެޅުން ލިބުނު އިރު އެ ރޯލަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
"އެއީ ޓީވީ ސީރީޒްތަކުގައި މަސައްކަތް ކުރުމަކީ ވަރަށް ބުރަ ކަމަކަށް ވާތީ. އެކަމަކު އެ ރޯލު އަދި ތީމް އަހަންނަށް ވަރަށް ބޮޑަށް ކަމުދިޔަ. އަހަރެންގެ ކުރިއަށް އޮތް ޑައިރެކްޝަން 'ލަވް އެފެއާރޒް' ނުފެށި މިވަނީ ލަސްވެފައި. އެހެންވީމަ އެއްބަސްވީ،" އޭނާ ބުންޏެވެ.
ސޯނީ ރަޒްދާން ބުނީ ޓީވީ އާ ދުރުގައި ހޭދަކުރި އަހަރުތަކުގައި، ޓިވީ ޑްރާމާތަކަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް މިހާރު ޑްރާމާތަކުގައި ހިނގާ ހާދިސާތައް ގަބޫލު ކުރަން ފަސޭހަވެފައި، ހަމަޖެހޭ ކަމަށް އޭނާ ފާހަގަ ކުރި އެވެ.
ސޯނީ ވަނީ ދަރިފުޅު އާލިއާ އާ އެކު މަސައްކަތް ކޮށްލަން ބޭނުންވާ ކަން ވެސް ހާމަކޮށްފަ އެވެ.