06 Apr 2017, 09:04
އުންމީދީ ބަތަލާ ޕަރިނީތީ ޗޯޕްރާގެ ކުރިއަށް އޮތް ފިލްމު، 'މޭރީ ޕިޔާރީ ބިންދޫ'ގައި އޭނާ އަދާކޮށްފައިވާ 'ބިންދޫ'ގެ ރޯލަކީ ވަރަށް ޚާއްސަ ރޯލެއް ކަމަށް ޕަރިނީތީ ބުނެފި އެވެ.
ފިލްމުގެ ޕްރޮމޯޝަން އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕަރިނީތީ ވަނީ، 'ބިންދޫ'ގެ ރޯލު އޭނާ އަށް ހުށަހެޅުމުން ޔަޝް ރާޖް ފިލްމްސް އަށާއި ފިލްމުގެ ޑައިރެކްޓަރު އަކްޝޭ ރޯއީ އަށް ޝުކުރު އަދާކޮށްފަ އެވެ.
ފިލްމުގެ ޓްރެއިލާ ރިލީޒް ކުރުމަށް ނިންމާފައި ވަނީ ފަސް ޓީޒާ އަށް ބަހާލައިގެންނެވެ. އެގޮތުން ބުދަ ދުވަހާ ހަމައަށް ތިން ޓީޒާއެއް ވަނީ ރިލީޒްކޮށްފަ އެވެ.
"ތިން ވަނަ ބައިން އެ ފެންނަނީ ބިންދޫ. ބިންދޫ އަކީ ރޮކްސްޓާ އަކަށް ވާން ބޭނުންވާ އަންހެން ކުއްޖެއް. އޭނާ ބޭނުމެއް ނުވޭ ހަޔާތުގައި އެހެން އެއްވެސް ކަމެއް. މިއީ އަހަންނަށް ވަރަށް ޚާއްސަ ރޯލެއް،" ޕަރިނީތީ ބުންޏެވެ.
ފިލްމުގެ ޓީޒާތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ޕަރިނީތީ އަށް ވެސް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
ފިލްމުގައި ޕަރިނީތީއާ އެކު ދެން ފެނިގެން ދާނީ އެކްޓަރު އަދި ލަވަކިޔުންތެރިޔާ އާޔޫޝްމަން ޚުރާނާ އެވެ. ފިލްމުގައި ލަވަކިޔުންތެރިއަކަށް ވާން ބޭނުންވާ މީހެއްގެ ރޯލުން ޕަރިނީތީ ފެނިގެންދާއިރު، އާޔޫޝްމަން އަދާކުރާނީ ވާހަކަ ލިޔުންތެރިއެއްގެ ރޯލެވެ.
'މޭރީ ޕިޔާރީ ބިންދޫ' ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މޭ މަހުގެ 12 ވަނަ ދުވަހު އެވެ.
ފިލްމުގެ ޕްރޮމޯޝަން ކަންތައްތަކުގެ އިތުރުން ޕަރިނީތީ މިހާރު އަންނަނީ 'ގޯލްމާލް އަގެއިން' އަދި 'ތަކާދަމް' ގެ މަސައްކަތް ކުރަމުންނެވެ.