ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގި އިމާރާތް، ހ. ތެމާގެ ސެކިއުރިޓީ ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ، އެ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން ހުއްޓާލާފައިވާ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ.

އަލީމް ވިދާޅުވީ ފުލުހުން އެކަން އެންގީ ފޯނުން ގުޅާފައި ކަމަށެވެ. އަދި އެތަނުގެ ސެކިއުރިޓީ ބަލަމުން ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުން އެ އޮފީސް ހުންނަ އިމާރާތަށް ވަންނަން ޖެހުމުން އެތަނުގެ ތަޅު ހަލާކުކޮށްލާފައި ހުރުމުން އެތަނާ ހަވާލުވާން ބަޔަކު އަންނަންދެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އަލީމް ވިދާޅުވި އެވެ.

އަލީމް ވިދާޅުވީ އެތަނާ ހަވާލުވުމަށް ނުގުޅާ ކަމަށާއި، ފުލުހުން މިއަދު ގުޅީ އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުން ހުއްޓާލިކަން އެންގުމަށް ކަމަށެވެ.

"އެތަނުގެ ތަޅު ހަލާކުކޮށްލި ފަހަކުން އަޅުގަނޑުމެންގެ އެއްވެސް ބޭފުޅަކަށް ހަވާލުވާން އަންނަން ގުޅާފައެއް ނެތް. އެތަނަކީ ޔުމްނާ މައުމޫނުގެ ނަމުގައި ކުއްޔަށް ނަގާފައިވާތަނެއް،" އަލީމް ވިދާޅުވި އެވެ.

އަލީމް ވިދާޅުވީ، އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުން ހުއްޓާލިކަން ލިޔުމަކުން އަންގައިދިނުމަށް ފުލުހުންނަށް އެދުނު ކަމަށާއި، އެކަމަށް އެދުމުން އިސްވެރިންނާ ވާހަކަ ދެއްކުމަށް ފަހު ގުޅާނެ ކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ. ނަމަވެސް ފުލުހުން މިރޭ ގުޅުމަށް ފަހު، އެ ފަދަ އުސޫލެއް ނޯންނަ ކަމަށް ވިދާޅުވިކަމަށް އަލީމް ވިދާޅުވި އެވެ.

"ފަހުން އެބޭފުޅުން (ފުލުހުން) ގުޅާފަ ވިދާޅުވީ، އުސޫލެއްގެ ގޮތުން ލިޔުމަކުން ނުވަތަ ސިޓީއަކުން ވެސް ދޭ ގޮތަކަށް ނޫނޭ އޮންނަނީކީ. އިސްވެރިން ވިދާޅުވިއޭ އަންގާލާށޭ މިހާރު ސެކިއުރިޓީ ނެގީ ކަމަށް،" އަލީމު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ފުލުހުންނަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުގެ ރޭ ޕީޕީއެމްގެ ރައީސް އޮފީސް ހިންގުން ހުއްޓުވުމަށް ސިވިލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. އަދި މާޗް 31 ވަނަ ދުވަހުގެ ރޭ އޮފީހުގެ ދިދަ އާއި ނަންބޯޑު ވަނީ ފުލުހުން ނަގާފައެވެ. އެރެއަށްފަހު އެ އޮފީސް ކައިރީގައި ފުލުހުން ދިޔައީ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.