05 Jul 2011, 16:52
ލޮލުގެ ފެނުން ގެއްލިފައިވާ މީހުންނަށް ލުއިގޮތްތައް ހޯދައިދިނުމަށް ސައިންސްވެރިން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެން ކަމުން ސައިންސްވެރިންގެ ކޮންމެ ކާމިޔާބީއެއް ވެގެން ދާނީ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އުފާވެރި ހަބަރަކަށެވެ.
ކައިރިވަމުން އަންނަ ތަކެއްޗާއި މީހުންގެ އިޝާރާތް ލޮލަށް ނުފެންނަ މީހުންނަށް ލިބޭ ގޮތަށް، ޕޮކެޓް ކޮމްޕިއުޓަރަކާއި ކެމެރާތަކެއް ހިމަނައިގެން އިނގިރޭސި ސައިންސްވެރިން އުފެއްދާ "ސްމާޓް ސްޕެކްޓެކްލް" ބާޒާރަށް ނުކުންނަ ހަބަރަކީ އެފަދަ އުފާވެރި ހަބަރެކެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސްވެރިން އުފެއްދި އެ އައިނު ބޭނުން ކޮށްގެން ލޮލަށް ނުފެންނަ މީހުންނަށް ޝޮޕިން ސެންޓަރުތަކާއި ކާރޫބާރޫ ބޮޑު ރޭލް ސްޓޭޝަންތަކުގެ ތެރޭ، ތަނެއްގައި އަޅައި ނުގަނެ ފަސޭހަކަމާ އެކު ހިނގާބިނގާވެ އުޅެވޭނެ ކަމަށް އެ އައިނު އުފެއްދި ސައިންސްވެރިން ބުނެއެ އެވެ. އަދި އެ އައިނު ބޭނުންކޮށްގެން ބަސްތަކުގެ ނަމްބަރު ވެސް ދެނެގަނެވޭނެ ކަމަށް އެމީހުން ބުނެ އެވެ.
އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ބުނި ގޮތުގައި ލޮލަށް ނުފެންނަ މީހުންނަށް ހާއްސަ އައިނު ޓެސްޓް ކުރުމުގެ މަސައްކަތްތައް ރަނގަޅަށް ގޮސްފި ނަމަ 2014 ވަނަ އަހަރު ބާޒާރަށް ނެރެވޭ ވަރު ވާނެއެވެ. މާ ބަރު ނޫން އެއައިނުގެ އަގު ވެސް އެހާ ބޮޑު ނުވާނެ ކަމަށް އޮކްސްފޯޑް ޔުނިވަސިޓީއާއި ހަވާލާދީ އެ ނޫހުގައި ވެއެވެ.
އެ އައިނުގެ ސަބަބުން އެންމެ ބޮޑަށް ފައިދާ ކުރާނެ އެއް ބަޔަކީ އުމުރުން ދުވަސްވެ، މަސްކިއުލާ ޑިޖެނެރޭޝަންގެ ސަބަބުން ލޮލުގެ ފެނުން ގެއްލިފައިވާ މީހުންނެވެ.
މިފަދަ އައިނެއް އުފެއްދުމަށް މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކުން އުފެއްދިފައި ވަނީ ވަރަށް ބޯ ކަޅު ބިއްލޫރި އާއި ބޮޑެތި ބަރު ކޮމްޕިއުޓަރުތައް އެކުލެވޭ އައިނުތަކެވެ. ނަމަވެސް މިފަހަރުގެ އައިނު ބަރުމިނާއި ފެންނަ ގޮތުން އާއްމު އެހެން އައިނުތަކާ މާބޮޑު ތަފާތުތަކެއް ނުހުންނާނެ އެވެ. އަދި އޭގެ އަގު 1000 ޕައުންޑަށް ވުރެ ބޮޑު ނުވާނެ ކަމަށް ވެސް ޑެއިލީ މެއިލް ބުނެ އެވެ.
އައިނުގެ ދިރާސާ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައި ކަމަށް އެ މަސައްކަތާ ހަވާލުވެގެން ހުންނެވި ޑރ. ސްޓެފަން ހިކްސް ވިދާޅުވިކަމަށް ޑެއިލީ މެއިލްގައި ވެއެވެ. ޑރ. ހިކްސްގެ އެ މަސައްކަތަށް ހަރަދުކުރި އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތުންނެވެ. – ޑެއިލީ މެއިލް