05 Apr 2017, 17:33
މާލީ ދަތިކަމާ ހެދި މަތީ ތައުލީމް ހާސިލް ކުރަން ނުފެށި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން ސަރުކާރުން ދޫކުރާ މަތީ ތައުލީމުގެ ލޯނުގެ ތެރެއިން ފުލް ފަންޑިން އަށް ކުރިމަތިލައި ހޮވުނު ދަރިވަރުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވާނެއެވެ.
ޝަކުވާ ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވާނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވާލި ލޯންގެ ފުރުސަތަށް ކުރިމަތިލައި ހޮވުނު ދަރިވަރުންގެ ހިމެނޭ ލިސްޓެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން (ޑީއެޗްއީ) އިން ހުޅުވާލީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
ޑީއެޗްއީން ބުނީ، އޮކްޓޯބަރު މަހުގެ ތައުލީމީ ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓާއި ބެހޭ ގޮތުން އެއްވެސް ސުވާލެއް ނުވަތަ މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ މާދަމާގެ ގެ މެންދުރުފަހު 1:30ގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.
ޝަކުވާ އަދި މައުލޫމާތު ސާފުކުރަން ހުށަހަޅާނީ ޑީއެޗްއީގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމަކުންނެވެ. ޑީއެޗްއީއަށް މާދަމާގެ ނިޔަލަށް ހުށަހަޅާ ޝަކުވާތައް ބެލުމަށްފަހު ލޯން ލިބޭ ދަރިވަރުންގެ ފައިނަލް ލިސްޓް އާއްމުކުރާނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލް ކުރުމުގެ 851 ފުރުސަތެއް ހުޅުވާލާފައިވެއެވެ.
ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރަން ލޯނު ދޭ ދާއިރާތަކުގެ ތެރޭގައި ޕައިލެޓް ސްޓަޑީސް އާއި ޝަރީއާ އެންޑް ލޯ ގެ އިތުރުން ނާސިން އަދި ޓީޗިން ފަދަ ދާއިރާތައް ހިމެނެއެވެ. ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރުމަށް ޑިޕްލޮމާ، ބެޗްލާސް އަދި މާސްޓާސް ޑިގްރީ ފެންވަރުގެ 10 ކޯހަކުން 344 ފުރުސަތެއް ހުޅުވާލިއިރު، އެ ކޯސްތަކަށް 224 ދަރިވަރަކު ވަނީ ކުރިމަތިލާފައެވެ.
ރާއްޖޭން ބޭރުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު ދީފައި ވަނީ ސާކު ގައުމުތަކުގެ އިތުރުން ޗައިނާ، ފިލިޕީންސް، ތައިލޭންޑް އަދި މެލޭޝިއާ އިންނެވެ. ރާއްޖޭން ބޭރުގައި ތިބެގެން ކިޔެވުމަށް ލޯނުގެ ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރެއިން އެމްބީބީއެސް، މެޑިސިން، ޕޮލިސް ފޮރެންސިކް، ސްޕޯޓްސް މެނޭޖްމަންޓް، ނާސިން ފަދަ ދާއިރާތައް ހިމެނެއެވެ.
ޖުމްލަ 12 ދާއިރާއަކުން 507 ފުރުސަތެއް ހުޅުވާލިއިރު، އެ ކޯސްތަކަށް 303 ދަރިވަރަކު ކުރިމަތިލާފައިވެއެވެ.