05 Apr 2017, 16:59
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިޔަ ދުވަހު، މަޖިލިސް ގަވާއިދުތަކުގެ ބޭރުން ހިންގި ކަމަށް ބުނާ މައްސަަލަ އިންޓަޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އަށް ހުށަހަޅައިފި އެވެ.
މިދިޔަ މަހު 27ގައި މަޖިލީހުގެ ވޯޓިން ސިސްޓަމަށް މައްސަލަ ދިމާވެފައި ކަމަށް ބުނެ ވޯޓު ނެގީ ވަކިވަކިން މެމްބަރުން ސުވާލުކޮށްގެން، ރޯލް ކޯލް އުސޫލުންނެވެ. އެ ގޮތަށް ވޯޓަށް ނޭހޭނެ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުގެ މަޖިލިސް މެމްބަރުން ވަނީ މަޖިލިސް ދޫކުރައްވައި ވަޑައިގެންފަ އެވެ.
ޖޭޕީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަހުމަދު އާސިމް ވިދާޅުވީ އައިޕީޔޫއަށް އެ މައްސަލަ ހުށަހެޅީ މައިގަނޑު ދެ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
އެ ދެ މައްސަލައަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހު މަޖިލީހުގައި ނެގި ވޯޓުގައި ދިމާވި ކަންތައްތަކާއި އެ ވޯޓާ ގުޅިގެން ސަރުކާރުގެ ފަރާތުން މަޖިލީހުގެ މެމްބަރުންނަށް ކުރިމަތިވި ކަންތައް ކަމަށެވެ.
"އެންމެ ފުރަތަމަ މި ވޯޓު ހިނގައިދިޔަ ގޮތުގެ ޕްރޮސީޖަރަލް މައްސަލަތައް. އިޖުރާއީ މައްސަލަތައް ވަރަށް ގިނަ އޭގެ ތެރޭގައި ވޯޓް ނެގި ގޮތް ހިމެނޭ. އިލެކްޓްރޯނިކް ވޯޓާއި ރޯލް ކޯލް ވޯޓުގެ ކަންތައްތައް ނިމިގެން ދިޔަ ގޮތް ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
އާސިމް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ހާމަކަން ބޮޑު ގޮތަކަށް މަޖިލީހުގެ ކަންކަން ހިންގަންވާނެ ކަމަށް ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައި ބުނެފައިވަނިކޮށް، މަޖިލިސް މިހާރު ހިންގަމުން ގެންދަނީ ޑިމޮކްރެސީގެ ހަމަތަކުގެ ބޭރުން ކަމަށެވެ.
"އަޅުގަނޑުމެނަށް އެ ދުވަހު ފެނިގެންދިޔަ މީޑިއާގެ ފަރާތްތައް ވެސް މަޖިލީހުގެ އެ ދުވަހުގެ ކަންކަން ބެލުމަށް ހުރަސް އެޅިގެން ދިޔަތަން. އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އާންމު ރައްޔިތުންނަށް ވެސް އެ ދުވަހަކު ހުއްދައެއް ނުވި ހަމަ އެގޮތަށް އަމިއްލަ ޖަމާއަތްތައް ވެސް އެ ދުވަހު އޮތީ މަޖިލީހަށް ވަނުން ހުއްދަ ނުވެފައި،" އާސިމް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ޒާހިރު ވިދާޅުވީ 27ގެ ވޯޓަށް ފަހު މަޖިލީހުގެ މެމްބަރުންނަށް ބިރު ދެއްކެވުމުގެ ގޮތުން ފުލުސް އޮފީހަށް ގެންދަމުންދާ ކަމަށާއި މެމްބަރުންނަށް ނުފޫޒް ފޯރުވައި ބިރު ދެއްކުމަށް ސަރުކާރުން ކުރާ މަސަތްކަތްތައް ވެސް އައިޕީޔޫއަށް ހުށަހަޅާފައި ވާނެ ކަމަށެވެ.