ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އަބްދުލް އަލީމާ ގުޅޭގޮތުން ސިވިލް ކޯޓުން ބަލާ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައަށް ޖަވާބުދާރީވާން އޭނާ އަށް ފުރުސަތުދީފިއެވެ.

މިއަދު ސިވިލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ސިވިލް ކޯޓުގެ ރަޖިސްޓްރާ ވަނީ ދައުވާ އިއްވާފައެވެ.

ސިވިލް ކޯޓުން ކުރި ދައުވާގައި ވަނީ "އެ މައްސަލަ އަކީ ޕީޕީއެމާ ގުޅޭގޮތުން މީގެކުރިން އެ ކޯޓުންކޮށްފައިވާ ހުކުމަށް ތަބާވުމެއް ނެތި، އަދި ކިޔަމަންވުމެއް ނެތި، އެ ހުކުމާ ޚިލާފުވާގޮތަށް ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމެޓީއެއް ހިންގައި އެ ޕާޓީގެ މެމްބަރުން ވަކިކޮށް ހަދާފައިވަނީ ކޯޓުގެ ހުކުމަކީ އެއަށް މީސްތަކުން ތަބާވާން ނުޖެހޭ އެއްޗެއް ކަމަށް ބެލެވޭ ބެލެވުން" ކަމުގައެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ބަލާ އެ މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސްގާޒީ އަބްދުﷲ އަލީ އާއި ދެން ގާޒީ މުހައްމަދު ހަލީމާއި ގާޒީ ހަސަން ފަހީމް އިބްރާހީމާއި ގާޒީ އަލީ ނަސީރުގެ އިތުރުން ގާޒީ އަލީ އަބްދުﷲ އެވެ.

އަލީމް ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންތައްތަކަށް އިންކާރު ކުރައްވައިފައެވެ. އެއާއެކު ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު "މިހާރު" ނޫހުގައި ލިޔުނު ޚަބަރަކަށް މައުލޫމާތު ދިނިންތޯ އާއި ކޮންގްރެސް އިން ކައުންސިލްގެ މެމްބަރުން އިންތިޚާބުކުރި އިރު ސެކްރެޓަރީ ޖެނެރަލް ކަމުގައި ހުންނެވީ ކޮން ބޭފުޅެއްތޯ އައްސަވާފައިވެ އެވެ.

އަލީމް ދެކެވަޑައިގަންނަވާގޮތުގައި ސިވިލް ކޯޓުން ކުރިން ކުރި ހުކުމަށް ބަލާއިރު ޕީޕީއެމް އަކީ ކޮބައިތޯ ވެސް ފަނޑިޔާރުން އެއްސެވިއެވެ. އޭގެ ހަވާބުގައި އަލީމް ވިދާޅުވީ އެ ހުކުމްގައި ބުނާ ޕީޕީއެމް އަކީ ހަމަ ޕީޕީއެމް ކަމަށެވެ.

ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ޕީޕީއެމް އިން ވަކިކުރީ ކޮން ބައެއްތޯ އާއި އެއީ ނިޔަތެއްގައި ކުރި ކަމެއްތޯ އާއި ކޮން އެޖެންޑާއެއްގެ ދަށުން ކުރި ކަމެއްތޯ ފަނޑިޔާރުން ވަނީ އައްސަވާފައެވެ.

ގިނަ ސުވާލުތަކެއް ކުރެއްވުމަށްފަހު ފަނޑިޔާރުންގެ ބެންޗުން އެންގީ ދެން އޮންނަ އަޑުއެހުމެއްގައި އެ ސުވާލުތަކަށް ޖަވާބު ދިނުމަށެވެ.

ސިވިލް ކޯޓުން މިއަދު ވަނީ އެ މައްސަލައިގެ ހުރިހާ ލިޔުންތައް ވެސް އަލީމަށް ދޫކޮށްފައެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައެވެ.