ވިލާ ގްރޫޕުގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ ޓެކުހާ ގުޅުން ހުރި ފައިސާ ނުދައްކައި ހުރުމުން ކަމަށާއި، ދައުލަތަށް ދަރާފައި ވުމަކީ ނުވަތަ ދައްކަން ޖެހޭ ފައިސާ އެއް އޮތުމަކީ ރައީސް ޔާމީންގެ މައްސަލައެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ މި ސަރުކާރަކީ ހުރިހާ އެންމެނަށް ހަމަހަމަ ކަމާއި އަދުލުވެރި ވެރިކަމެއް ކޮށްދެއްވާނެ ސަރުކާރެއް ކަމަށެވެ. އަދި އެއީ މި ސަރުކާރު ދެމި އޮތުމުގެ ބޭނުން ކަމަށާއި ވަކި ފަރުދަކަށް ވީތީވެ ވަކި ގޮތެއް މި ސަރުކާރުން ނުހަދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއީ މާ ކުރިން ސިލްސިލާކޮށް ފެށިގެން އައި މައްސަލައެއް. މިސަރުކާރާ ހަމައަށް އައި އިރު އެކަން އޮތް ގޮތް ތިޔަ ބޭފުޅުންނަށް ސާފުވެވަޑައިގަންނަވާނެ. ކުރީގެ ސަފްހާތަކަށް ވަޑައިގެންނެވީމަ،" މުއާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ފަރާތުން، ވިލާ ކުންފުނީގެ ވާހަކައެއް ނުދައްކާ ކަމަށެވެ. އެވާހަކަތައް ދައްކަން ފެށީވެސް އެބޭފުޅުން އަމިއްލައަށް ކަމަށާއި ސަރުކާރުން ހާމަ ކުރީ 17 ކުންފުންޏެއްގެ އެކައުންޓު ފްރީޒް ކުރި ވާހަކަ ކަމަށެވެ.

"ތަފާތު އެކި ފަހަރުތަކެއްގެ މަތިން ދައުލަތަށް ދައްކަވަން ޖެހިވަޑައިގަންނަވާ ފައިސާއެއް އޮތީމަ ދެން މިސަރުކާރު ގޯސްވުން އެއީ ރައީސް ޔާމީންގެ މައްސަލައެއް ނޫން. އަޅުގަނޑުމެންގެ މައްސަލައެއް ނޫން. އަޅުގަނޑުމެން ކީއްތޯ ކުރާނީ" މުއާޒު ވިދާޅުވިއެވެ.

މީރާއިން މިއަދު ނެރުނު ބަޔާނެއްގައިބުނީ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގައި ވަކި ބަޔަކަށް އަމާޒުކޮށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށާއި ފިޔަވަޅު އަޅަނީ ހަމަހަމަކަމާއެކު ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް 1824 މީހަކާ މެދު ފިޔަވަޅު އަޅާފައިވާއިރު، އޭގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާގައި ވިޔަފާރި ކުރާ 270 ފަރާތެއް ހިމެނެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ބިމު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާ އާއި އެހެނިހެން ފައިސާ ދައްކައިފައި ނުވާތީވެ 17 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.