05 Apr 2017, 15:03
ވިލާ ކުންފުންޏާ އެކު އިތުރު 16 ކުންފުންޏެއްގެ އެކައުންޓު ފްރީޒްކޮށްފައިވާ ކަމަށާއި އެ އެކައުންޓުތައް ފްރީޒްކޮށްފައި ވަނީ ޓެކްސް ގާނޫނާ ޚިލާފުވެގެން ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ފަތުރުވެރިކަން ހިންގާ ރަށްރަށުން ނަގާ ޓެކްސް ނެގުމަކީ މީރާއިން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި އެއީ ވަކި ބަޔަކަށް ޓާގެޓް ކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ނޫން ކަމަށެވެ. އަދި މިރާގެ ފިޔަވަޅުތަކަކީ ސަރުކާރުން އަންގައިގެން އަޅާ ފިޔަވަޅުތަކެއް ނޫން ކަމަށާއި އެ ފިޔަވަޅުތައް އަޅަނީ މީރާގެ ދަށުން ހެދިފައިވާ ގާނޫނުތަކުން ބާރު ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފްރީޒް ކުރި 17 ކުންފުންޏަކީ ވެސް ޓެކްސްގެ މައްސަލަތަކުގެ ހިސްޓްރީ އޮތް ކުންފުނިތަކެކެވެ. އަދި މީރާއިން އަމަލު ކުރަމުން ދަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ދައުލަތަށް އާމްދަނީ ހޯދުމުގެ އެންމެ ބޮޑު ރޯލެއް އަދާ ކުރާ ފަރާތަކީ މީރާ ކަމަށްވާ އިރު އެ އިދާރާއިން، އެ އިދާރާގެ މަސްއޫލިއްޔަތު އަދާ ކުރަމުން އެދަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ކަމަށެވެ.
މީރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މި އަހަރުގެ މިހާތަނަށް 1824 މީހަކާ މެދު ފިޔަވަޅު އަޅާފައިވާ އިރު، އޭގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާގައި ވިޔަފާރި ކުރާ 270 ފަރާތެއް ހިމެނެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ބިމު ކުއްޔާއި އެއާ ގުޅޭ ޖޫރިމަނާ އާއި އެހެނިހެން ފައިސާ ދައްކައިފައި ނުވާތީވެ، 17 ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒް ކޮށްފައިވާ ކަމަށް ވެސް މީރާ އިން ބުންޏެވެ.
މިނިސްޓަރު މުނައްވަރު ވަނީ އެ ބަޔާނުގައިވާ ކަންތައްތަކަށް އަލިއަޅުއްވައި ވާހަކަ ދައްކަވާފަ އެވެ. އަދި މިދިޔަ އަހަރު ތެރޭގައި ލިބުނު ޖުމްލަ އާމްދަނީގެ 11 ޕަސެންޓަކީ އެންފޯސްމެންޓުގެ ގޮތުގައި ހޯދި ފައިސާ ކަމަށާއި 2011 އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 4.9 ބިލިއަން ރުފިޔާ އެންފޯސްމެންޓުގެ ދަށުން ދައުލަތަށް ވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް މުހިއްމު ކަމެއް. އަޅުގަނޑުމެންގެ ބަޖެޓު ތަންފީޒު ކުރުމުގަ ހަމަ އެކަނި ޚަރަދު ކޮށްގެން ނުވާނެ. އާމްދަނީ ވެސް ހޯދަން ޖެހޭނެ. މީރާއިން ތިޔަ ކުރައްވާ ކަންތަކަކީ ހަމަ ވަރަށް މުހިއްމު މަސައްކަތެއް. މިއަހަރު މިހާތަނަށް ވެސް އެންފޯސްމެންޓުގެ ދަށުން ދެ ބިލިއަން ރުފިޔާ ދައުލަތަށް ވަދެފަ އޮންނާނެ،" މުނައްވަރު ވިދާޅުވި އެވެ.
މިރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެކައުންޓުތައް ފްރީޒްކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ މިހާރު ހިންގަމުންގެންދާ އަށް ރިސޯޓާއި، ޓޫރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން މިހާރު އެއްބަސްވުން ބާތިލު ކޮށްފައިވާ ނުވަ ރަށެއް ހިންގާ ފަރާތްތަކުގެ ބޭންކު އެކައުންޓްތަކެވެ.
މީރާ އިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ދައުލަތުގެ އެހެން އިދާރާތަކުން ޓެކްސް ޕޭޔަރުންނަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް ހުއްޓުވުމާއި އެ ފަރާތްތަކުގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރުމާއި އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއި ކޯޓު މެދުވެރިކޮށް އެފަރާތްތަކުގެ މުދާ ދައުލަތަށް ނެގުން ހިމެނެ އެވެ.