05 Apr 2017, 14:56
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު އިސްތިއުނާފަށް ހުށަހަޅައިފިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ މަސްތޫރު ހުސްނީ ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިއަދު އިސްތިއުނާފަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދަތުރުފަތުރު ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށާއި އެ ހައްގު ހަނިކުރެވޭނެ ގޮތް ގާނޫނާއި ކޯޓުތަކުގެ ނިންމުންތަކުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާސިމްގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް މަސްތޫރު ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭގޮތުން ގާނޫނީގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ގާސިމް ރިޝްވަތު ހުށަހެޅުއްވި ކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގު ކުރި މައްސަލަ ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.
ގާސިމް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް އެ ތުހުމަތުކޮށްފައި ވަނީ މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށެވެ.
ގާސިމް ވިދާޅުވީ އެ ޖަލްސާގައި އޭނާ އެދިވަޑައިގަތީ ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގެންނެވި މެމްބަރުން އަނބުރާ އެޕާޓީއާ ގުޅިވަޑައިގަތުމަށް ކަމަށެވެ. އަދި ގުޅިވަޑައިގެންފި ނަމަ ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެ މެމްބަރުންނަށް ޖުމްހޫރީ ޕާޓީގެ ޓިކެޓު ދޭނެ ކަމަށް ޖަލްސާގައި ވިދާޅުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެފަދައިން ވިދާޅުވުމަކީ ރިޝްވަތު ހުށަހެޅުން ކަމަށް ދެކޭ ނަމަ އެފަދަ ބަޔަކު އެގޮތަށް ދެކެންވީ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މާނައެއް ނެތް ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނު. އަޅުގަނޑު ދައްކާފައި އޮތް ވާހަކައިގެ އެއްވެސް ކަހަލަ ރިޝްވަތު ދޭނެ ނުވަތަ ނުފޫޒު ފޯރުވަފާނެ މިންވަރެއް ގާނޫނީ ހުދޫދުގެ ތެރެއިން ވިސްނާއިރު ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ.
މިދިޔަ އާދީއްތަ ދުވަހު ފުލުހުން ވަނީ ގާސިމް ފުލުސް އޮފީހަށް ހާޒިރުކޮށް ވީޑިއޯ އެނަލިސިސް ރިޕޯޓެއް ހެދުމަށްޓަކައި ގާސިމްގެ އޯޑިއޯ ސާމްޕަލެއް ނަގާފައެވެ.