ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ޕާކިސްތާނު މީހަކު ހައްޔަރުކޮށްފި އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3 ޖަހަން އުޅެނިކޮށް ގަތަރުގެ ދޯހާއިން ރާއްޖެ އައި ޕާކިސްތާނު މީހެއް ކަމަށްވާ އަރުޝަދު ޚާން 23،ގެ ހަށިގަނޑު ކަސްޓަމްސްގެ އޮފިސަރުން ޗެކްކުރި އިރު އޭނާގެ ހަށިގަނޑުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އެކްސްރޭ ނެގި އިރު އޭނާގެ ގޮހޮރު ތެރޭގައި މަސްތުވާތަކެތި އަޅާފައި ހުރި ބުލެޓް ސައިޒުގެ 100 ޕެކެޓް ފެނިފައިވާ ކަމަށެވެ.

އަދި އެ އެއްޗެހީގެ ބަރުދަނުގައި ޕެކިނާ އެކު 797.235 ގުރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ ޕާކިސްތާނު މީހާ އަތުން ފެނުނު ކޮންމެ ބުލެޓެއްގައި ދެ އިންޗި ހުރި ކަމަށާއި އެ އެއްޗެހީގެ މަގުމަތީ އަގު 1،000،000ރ. އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.

އެ މައްސަލައިގައި އެމީހާ އާ ސުވާލު ކުރުމުން އޭނާ އެއްޗެއްހި ރާއްޖެ ގެނައުމަށް ދިރުވާލާފައި ވަނީ ޕާކިސްތާނުގައި ހުރެގެން ކަމަށް ތަހުގީގުގައި ބުނެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި މަސްތުވާތަކެތީގެ އެ ނެޓްވޯކަކީ ޕާކިސްތާނުގައި ގާއިމުކޮށްފައިވާ ނެޓްވޯކަކުން މި ސަރަހައްދުގެ ގައުމުތަކަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ސަޕްލައި ކުރުމަށް ހަރަކާތްތެރިވަމުންދާ ނެޓްވޯކެއް ކަން އެނގިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ހިލޭ ގުޅޭ ނަމްބަރު 1416 ގުޅައި އެ މަޢުލޫމާތު ކަސްޓަމާ ހިއްސާ ކުރުމަކީ ކަސްޓަމްސްގެ އެދުމެެއް ކަމަށެވެ.