ވޮޝިންޓަން (އެޕްރީލް 5) : ރަޝިޔާއިން ދާދިފަހުން ރުކުރުވާލި އިންޓަކޮންޓިނެންޓަލް ކުރޫޒް މިސައިލް މަތަކުރެވޭފަދަ ދިފާއީ އައްޑަނައެއް އެމެރިކާ އާއި ޔޫރަޕްގައި އަދި ނެތް ކަމަށާއި މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެމެރިކާގެ އިސް ޖެނެރަލަކު ވިދާޅުވެއްޖެއެވެ.

ކޮންގްރެސްގެ ދިފާއީ ކަންކަމާބެހޭ ކޮމިޓީގެ ކުރިމަތީގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ނިއުކްލިއާ ބާރުތަކުގެ ކޮމާންޑަރު ޖެނެރަލް ޖޯން ހައިޓަން ވިދާޅުވީ ދާދިފަހުން ރުކުރުވާލި އިންޓަކޮންޓިނެންޓަލް ކުރޫޒް މިސައިލަކީ ނިއުކްލިއާ އެތަށް ވޯހެޑްތަކެއް ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ ވަރަށް ބާރުގަދަ ހަތިޔާރެއް ކަމަށާއި އޭގެ އެންމެ މިސައިލަކުން ވެސް އެމެރިކާގެ ބޮޑުބައެއް ފަނާކޮށްލެވިދާނެ ކަމުގައެވެ.

މިވަރުގެ ބިރުވެރި ހަތިޔާރަކާ ކުރިމަތިލުމުގެ ގާބިލްކަން އެމެރިކާ އާއި ޔޫރަޕުން އުފައްދަން ޖެހޭ ކަމަށާއި މިމަސައްކަތް މިހާރުވެސް ފަށަން ޖެހޭކަމަށް ޖެނެރަލް ޖޯން ހައިޓަން ވިދާޅުވިއެވެ. ރަޝިޔާއިން އެގައުމުގެ ހުޅަނގުގެ ބޯޑަރު ސަރަހައްދުގައި ދާދިފަހުން ރުކުރުވާލި އިންޓަކޮންޓިނެންޓަލް ކުރޫޒް މިސައިލަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުގެ ބައު ޓެކްނޮލޮޖީގެ ބަދަލުގައި ރަޝިޔާ އުފައްދަމުން ގެންދާ ޒަމާނީ ޓެކްނޮލޮޖީގެ ޖީލަށް ނިސްބަތްވާ މިސައިލެކެވެ.

މީގެ ގިނައަދަދެއްގެ މިސައިލް ރަޝިޔާއިން ދާދިފަހުން ވަނީ ޔޫރަޕާއި އެމެރިކާއަށް އަމާޒުކޮށް އެގައުމުގެ ހުޅަނގު ގެބޯޑަރު ސަރަހައްދުގައި ރުކުވާލާފަ އެވެ. މިކަން ރަޝިޔާއިން ކުރީ ނޭޓޯއިން ރަޝިޔާގެ އަވަށްޓެރި ގައުމުތަކުގައި ބަރުހަތިޔާރާއި ސިފައިން ރުކުރުވާލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އެމެރިކާ ދެކޭ ގޮތުގައި މި ފެންވަރުގެ ނުރައްކާތެރި ނިއުކްލިޔަރ މިސައިލް އުފެއްދުމާއި ރުކުރުވާލުމަކީ 1987 ގައި އެމެރިކާއާއި އޭރުގެ ސޮވިއެޓް ޔުނިޔަންއާ ދެމެދު ސޮއިކޮށްފައިވާ ނިއުކްލިޔަރ މުއާހަދާއާ ޚިލާފުކަމެކެވެ. މިނިއުކްލިޔަރ މުއާހަދާގެ ދަށުން އެމެރިކާ އާއި ކުރީގެ ސޮވިއެޓް ޔުނިޔަން އިންވަނީ 500 ކިލޯމީޓަރާއި 5500 ކިލޯމީޓަރުގެ ރާސްތާގެ 2700 އަށްވުރެ ގިނަ ނިއުކްލިޔަރ މިސައިލް ނައްތާލާފަ އެވެ. މި މުއާހަދާގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އޭރުގެ އެމެރިކާގެ ރައީސް ރޮނަލްޑް ރޭގަން އެވެ. ކުރީގެ ސޮވިއެޓް ޔުނިޔަންގެ ފަރާތުން ސޮއިކުރެއްވީ ސޮވިއެޓް ޔުނިޔަންގެ އެންމެ ފަހުގެ ރައީސް މިޚައިލް ގޯބަޗޭވް އެވެ.

ރަޝިޔާއިން ވަނީ އެ ގައުމުގެ މި އަމަލަކީ އަމިއްލަ ނަފްސުގެ ދިފާއުގައި އެޅި ފިޔަވަޅެއް ކަމަށް ސިފަކޮށް މިސައިލް ރުކުރުވާލުމަކީ 1987ގައި އެމެރިކާ އާއި އޭރުގެ ސޮވިއެޓް ޔުނިޔަންއާ ދެމެދު ސޮއިކުރި މުއާހަދާއާ ޚިލާފް ކަމެއް ނޫން ކަމަށް ބުނެފައެވެ. އެމެރިކާ އާއި ޔޫރަޕަށް އަމާޒުކޮށް ރަޝިޔާއިން ރުކުރުވާލި އިންޓަކޮންޓިނެންޓަލް ކުރޫޒް މިސައިލްތަކުގެ ރާސްތާ ވަނީ އެއްހާސް ކިލޯމީޓަރާއި ފަސްހާސް ކިލޯމީޓަރާ ދެމެދުގަ އެވެ. މިއީ ކަނޑުގެ މަނަވަރުތަކުގެ ޒަރީއާއިންނާއި ސަބްމެރިން މެދުވެރިކޮށްވެސް ފޮނުވާލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މިސައިލްތަކެކެވެ. (އޭއެފްޕީ)