05 Apr 2017, 15:14
ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ ކޮމެޑީ ރޮމޭންޓިކް ފިލްމު، "މީ ލޯތްބަކީ" ބަލާލަން އިންތިޒާރު ކުރަމުންދާ މީހުންގެ އިންތިޒާރަށް މިރޭ ނިމުމެއް އަންނާނެއެވެ. ގިނަ ސަޕްރައިޒްތަކަކާ އެކު މިރޭ އޮލިމްޕަހުގައި ފިލްމު އަޅުވާނެއެވެ.
"ސަން"އާ ވާހަކަދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ، މިރޭ 9:00ގައި ފިލްމު އަޅުވާއިރު މިރޭގެ ޝޯ އެއްކޮށް ފުލްވެފައިވާ ކަަމަށެވެ.
"ބެލުންތެރިން އިންތިޒާރު ކުރަމުން އައި ފިލްމު މިރޭ އޮލިމްޕަހުގައި އަޅުވާއިރު ފިލްމުން ގިނަ ސަޕްރައިޒްތަކެއް ހަަމަ ފަޅައިގެންދާނެ. ވަރަށް މޮޅު ފިލްމެއްމީ،" މޮގާ ބުންޏެވެ.
"މީ ލޯތްބަކީ" ގެ ޕޯސްޓަރެއްގައި ފިލްމުގެ ބައެއް ތަރިން---
އޭނާ ބުނީ، ޕްރިމިއާ ނައިޓަށް މާ ބޮޑު ތައްޔާރީއެއް ނުވާ ކަމަށާއި ޑާކްރެއިންގެ ފަރާތުން ގެނެސްދޭ ފިލްމުތަކުން ތަފާތު ފެންނާނެ ކަމަށެވެ. އެނާ ބުނަނީ މިފަހަރުގެ ފިލްމުން ވެސް ފިލްމު ބަލަން އޮލިމްޕަހަށް ވަންނަ އެންމެން ހެއްވާލާނެ ކަމަށެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ "މީ ލޯތްބަކީ" ފިލްމީ ދާއިރާގައި ތަޖުރިބާކާރު ތަރިންނާއި މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވާ ތަރިންގެ އިތުރުން ވަރަށް ހާއްސަ މޫނުތަކެއް ފެނިގެންދާނެ ކަމަށް މޮގާ ބުންޏެވެ.
"ވަރަށް ސަޕްރައިޒް ގިނަ ވާނެ. ހާއްސަ މޫނުތަކެއްވެސް ފެނިގެންދާނެ. މިއީ ރަހުމަތްރެރިންނާ އެކު ބަލާލަން އަންނަ ހަމަ އެއްވަނައިގެ ފިލްމެއް،" މޮގާ ބުންޏެވެ.
"މީ ލޯތްބަކީ" ގެ ޓްރެއިލާ----
މޮގާ ބުނީ، ކުރިޔަށް އޮތް ތިން ޝޯ އެއްކޮށް ފުލްވެފައިވާ ކަމަށާއި އެހެން ޝޯތަކުގެ ޓިކެޓް ވެސް ވަރަށް ބާރަށް ވިކެމުންދާ ކަމަށެވެ. އަދި ފިލްމު ދައްކާނެ ވަކި މުއްދަތެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި ބެލުންތެރިންގެ ތަރުހީބު ލިބޭ ވަރަކުން "މީ ލޯތްބަކީ" ގެ ޝޯތައް އަޅުވަމުންދާނެ ކަމަށެވެ.
ފިލްމުގެ ދެ ޕްރޮމޯޝަނަލް ލަވަ އާއި އޮފިޝިއަލް ޓްރެއިލާ ބެލުންތެރިނަށް ދޫކޮށްލާފައިވާއިރު ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ވެސް މޮގާ ވަނީ ފާހަގަކޮށްފައެވެ.