05 Apr 2017, 14:59
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެއަކީ ރާއްޖޭގައި ދޭ، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އަހަރަކީ ޓްރެވަލް އެވޯޑްސް ދޭ ހަވަނަ އަހަރެވެ. ނަމަވެސް މިއަހަރުގެ މި އެވޯޑްސް ދެނީ މުޅި އަހަރަށް ބަހައިލެވިގެންވާ، ބޮޑު ހަރަކާތެއްގެ ގޮތުގަ އެވެ. މިއަހަރުގެ ޓްރެވަލް އެވޯޑްސްއާ ގުޅިގެން ތަފާތު ހަތަރު އިވެންޓެއް ކުރިޔަށް ދާނެ އެވެ.
ޓްރެވަލް އެވޯޑްސްގެ މެއިން އިވެންޓަކީ، މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބާއްވާ ގްރޭންޑް ގާލާ އެވެ. މިއީ ޓްރެވަލް އެވޯޑްސްގެ ބޮޑު ހަފްލާ އެވެ. މިދިޔަ އަހަރު މި އެވޯޑް ހަފްލާ ބޭއްވީ އޮޅުވެލި ބީޗު ރިސޯޓު އެންޑް ސްޕާ އެވެ.
މިއަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑްސް އިފްތިތާހުކުރީ މި މާޗު މަހުގެ ކުރީކޮޅު ޖަރުމަނުގައި ކުރިޔަށް ދިޔަ އައިޓީބީ ބާލިން ފެއާގެ ތެރެއިންނެވެ. އެ ފެއާގައި، މަޓާޓޯ އިން ވަނީ، ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ގާލާ ހޯސްޓު ކުރުމަށް އެދޭ ފަރާތެއް ވާ ނަމަ އެކަމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
މަޓާޓޯ އިން މިއަދު ބުނި ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ތަނަކަށް ވެސް، އެ ފުރުސަތު މިހާރު ވެސް އެބަ އޮތެވެ.
މި އަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑްސް ހޯސްޓުކޮށްދޭ ފަރާތަކަށް، އެކަމުގެ ސަބަބުން ހެޔޮ ފައިދާތަކެއް ކުރާނެ ކަމަށް މަޓާޓޯއިން ބުނެ އެވެ. އެގޮތުން، 2017 ވަނަ އަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އޮފިޝަލް ހޯސްޓުގެ ޓައިޓަލް، މުޅި އަހަރުގެ ތެރޭގައި އެ ތަނަކަށް ލިބިގެން ދާނެ ކަމަށް މަޓާޓޯއިން ބުނެ އެވެ. މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގައި މި ދާއިރާ އިން ދޭ އެންމެ ބޮޑު އެވޯޑު ކަމަށް ވުމާ އެކު، އެވޯޑްސްގެ ހޯސްޓަކަށް ވާ ފަރާތަކަށް މިކަމުގެ ތެރެއިން ބޮޑު އެކްސްޕޯޝާއެއް ލިބޭނެ އެވެ.
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017
- ޕީޕަލް އެޑިޝަން:މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެ މަސައްކަތް ކުރާ އެކިއެކި މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެއް. މި އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޮންނަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގައި. މަޓާޓޯ ޓްރެވަލް އެވޯޑްސް ޕީޕަލް އެޑިޝަން ބާއްވާ މިއީ ފުރަތަމަ އަހަރު.
- ގެސްޓްހައުސް އެޑިޝަން:މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގެސްޓްހައުސްތަކުގެ މެދުގައި ދޭ އެވޯޑެއް. މި އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ މިއަހަރު ބާއްވާ ގެސްޓްހައުސެސް މޯލްޑިވްސް ކޮންފަރެންސްގެ ތެރޭގައި. މަޓާޓޯ ޓްރެވަލް އެވޯޑްސް ގެސްޓްހައުސް އެޑިޝަން ބާއްވާ މިއީ ފުރަތަމަ އަހަރު.
- ޓްރެވަލް ކޮންފަރެންސް:މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސްވެރިންނާއި އެހެނިހެން ފަރާތްތައް އެކުވެ، ދާއިރާގެ އެކިއެކި މައުޟޫއުތަކާ މެދު މަޝްވަރާކުރާ ބައްދަލުވުމެއް. ޓްރެވަލް ކޮންފަރެންސް އޮންނާނީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ހަފްލާގެ އެއްދުވަސް ކުރިން. މިއަހަރަކީ ޓްރެވަލް ކޮންފަރެންސް ބާއްވާ ދެވަނަ އަހަރު.
- ގާލާ ނައިޓް: މިއީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ އެންމެ ފަހު އިވެންޓް. މިއީ ޓްރެވަލް އެވޯޑްސް ދޭ ހަފްލާ. މި ހަފްލާ އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި. މިއީ ޓްރެވަލް އެވޯޑްސް ދޭ ހަވަނަ އަހަރު.