އާސެނަލްގެ ކޯޗު އާސެން ވެންގާއާ ދެކޮޅަށް އަޑުއުފުލަމުންދާ އެކްލަބުގެ ސަޕޯޓަރުންނަށް ވެންގާ ރައްދުދީފިއެވެ.

އާސެނަލްއަށް އެންމެ އެދެވޭ ކާމިޔާބީތައް އެކްލަބަށް ހޯދައިދެވިފައިނުވާތީ އެކްލަބުގެ ކޯޗުކަމުން ވެންގާ ދުރުކުރުމަށް އާސެނަލްގެ ސަޕޯޓަރުން ދަނީ އެކްލަބުގެ އަމިއްލަ ދަނޑުތެރޭގައި ވެސް ގޮވާލަމުންނެވެ.

އާސެނަލް ކުޅޭ މެޗުތަކުގައި ދަނޑުތެރެއިން ވެންގާއާ ދެކޮޅަށް އެކްލަބުގެ ސަޕޯޓަރުން އަޑުއުފުލަމުންދާއިރު، ދާދިފަހުން އާސެނަލްގެ ޓްރޭނިން ދަނޑު ބޭރުގައި ވެސް ބަޔަކު ވަނީ ވެންގާއާ ދެކޮޅަށް އަޑުއުފުލައިފައެވެ. އެމީހުން ވެސް ގޮވާލަމުންދިޔައީ އާސެނަލްގެ ކޯޗުކަމުން ވެންގާ ދުރުކުރުމަށެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ---

"އެއީ އެންމެ ތިން މީހުން. އެކަމާމެދު ބޭކާރުގޮތުގައި އަހަރެން އެއްޗެކޭ ބުނަންވީ ކީތްވެ؟ ބޭކާރު ގޮތުގައި ދުވަހުގެ ވަގުތުތައް ނަގާލަން އެމީހުން ކުރާ ކަންތައް ރަނގަޅު،" 1996 ވަނަ އަހަރުން ފެށިގެން އާސެނަލަށް އިރުޝާދުދެމުންދާ ވެންގާ ބުންޏެވެ.

މިސީޒަނުގައި އާސެނަލަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައެއް ނުވެއެވެ. މިސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16އާ ހަމައިން އާސެނަލް ކަޓައިގެންދިޔައިރު، އިނގިރޭސި ޕްރިމިއާ ލީގު ތަށްޓަށް ކުރަމުންދިޔަ އުންމީދު ވެސް އެކްލަބަށް ވަނީ ގެއްލިފައެވެ. އޭގެ ތެރެއިން ޗެމްޕިއަންސް ލީގުން އެޓީމު ކަޓާފައިވަނީ 10-2 ލަނޑުގެ އެގްރިގޭޓުން ޖަރުމަންގެ ބަޔާން މިއުނިކް އަތުން ބަލިވެގެންނެވެ.