ދިއްލީ (އޭޕްރިލް 5): އިންޑިއާގެ ރާޖަސްތާނުގައި ގެރި ކަތިލަން އުޅުނު ކަމުގެ ތުހުމަތުގައި މުސްލިމް ފިރިހެނަކަށް ހަމަލާދީ މަރާލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ޕެހްލޫ ޚާން އާއި އިތުރު ހަތަރު މީހަކަށް މިދިޔަ ހޮނިހިރު ދުވަހު ހަމަލާ ދިނީ ގެރިތަކެއް ތިން އުޅަނދަށް ލައިގެން ރާޖަސްތާނުން ހަރިޔާނާއަށް ގެންދިޔަ މަގުމަތީގަ އެވެ. އެމީހުންނަށް ހަމަލާ ދިނީ ގެރި ހިމާޔަތް ކުރުމުގެ ނަމުގައި މަސައްކަތް ކުރާ ގުރޫޕަކުން ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ސީނިއާ ޕޮލިސް އޮފިސަރު ޕަރުމާލް ގުރުޖާރު ވިދާޅުވި ގޮތުން ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ފުލުހުން ވަނީ ގެރި ބަކަރި ގެންދިޔަ ތިން އުޅަނދު ހިފައްހަޓައި، ގަވާއިދާ ހިލާފަށް ގެރި، އެއް ތަނުން އަނެއް ތަނަށް ގެންދިޔަ ކަމަށް ބުނެ ހަތަރު މީހަކާ ދެކޮޅަށް މައްސަލައެއް ރެޖިސްޓާ ކޮށްފަ އެވެ.

ނަމަވެސް ޕެހްލޫ ޚާންގެ އާއިލާއިން ބުނި ގޮތުގައި އޭނާ އެގެރިތައް ގެންދިޔައީ ކަތިލާކަށް ނޫނެވެ. އަދި އޭނާއަކީ ގެރި ބަކަރި ބަލަހައްޓާ، އޭގެ ކިރުން ވިޔަފާރި ކުރާ މީހެއް ކަމަށް ބުނެފަ އެވެ.

ހިންދޫ ދީނުގައި މާތް އެއްޗެއް ކަމަށް ދެކޭ ގެރި ކަތިލުމަކީ ރާޖަސްތާނުގައި މަނާ ކަމެކެވެ. އަދި މިދިޔަ މަހު ގުޖުރާތުން ވަނީ ގެރި ކަތިލާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކުރެވޭ ގާނޫނެއް ފާސްކޮށްފަ އެވެ.

ީމީގެ އިތުރުން އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ގެރި ރައްކާތެރި ކުރުމަށް ކަމަށް ބުނާ ގުރޫޕުތައް ވެސް ހަރަކާތްތެރިވެ އެވެ. އެގުރޫޕުތަކުން ގެރި ނުވަތަ ގެރީގެ ބާވަތްތައް ގެންދޭތޯ ބަލަން އެސްޓޭޓެއްގެ އުޅަނދުތައް ފާސްކޮށް، ގެރީގެ ވިޔަފާރި ކުރާ މީހުންނަށް އަނިޔާ ކުރެ އެވެ. (ބީބީސީ)