05 Apr 2017, 13:17
އަންނަ މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
މިއަދުން ފެށިގެން މި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޝަކުވާ ހުށަހެޅޭނީ ހަމައެކަނި ރަޖިސްޓްރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭގޮތުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ޝަކުވާ ހުށަހަޅާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު :003 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ.
ހުކުރު ދުވަހު ޝަކުވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ. ރާއްޖޭންބޭރުގައިނަމަ، ކޮލޮމްބޯގައި ހުންނަ އްޖޭގެ އެމްބަސީއިން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން ހަވީރު 4:00 އަށެވެ. އަދި ބަންދު ދުވަސްތަކުގައި މެންދުރު 12:00 އިން ހަވީރު 05:00 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ޝަކުވާތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުން އަދި މާލޭގައިނަމަ، ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ އިންތިޚާބީ މަރުކަޒުން ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ނަމަ ކޮލޮމްބޯގައި ހުންނަ ރާއްޖޭގެ އެންބަސީއިން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.