05 Apr 2017, 14:55
ރަންވޭ އެއްވަރުކުރުމަށް ކުރިޔަށް ގެންދިޔަ، ތިން މަހުގެ ބޮޑު މަޝްރޫއަކަށް ފަހު ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު މާދަމާ ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
މިއަހަރުގެ ޖެނުއަރީ ހަވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް، ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ، ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 4:30 އަށް ވަނީ ބަންދުކޮށްފަ އެވެ. ރަންވޭ ބަންދުކުރާ ވަގުތުގައި ރަންވޭ އެއްވަރުކޮށް ތާރު އަޅައި ހެދުމުގެ މަސައްކަތް ކުރިޔަށްދެ އެވެ.
އެ ވަގުތުތަކުގައި އެ އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލި ނަމަވެސް ހަވީރާއި ރޭގަނޑާއި ފަތިހުގެ ވަގުތުތަކުގައި އެ އެއާޕޯޓު ހުޅުވައި، ވައިގެ ދަތުރުތައް ކުރިޔަށް ދިޔައެވެ.
ނަވާރަސަތޭކަ އަށްޑިހަ ހަވަނަ އަހަރަށް ފަހު ބަންޑާރަނަޔަކަ އެއާޕޯޓުގެ ރަންވޭ މަރާމާތުކުރުމުގެ އެންމެ ފުރަތަމަ މަޝްރޫއުގެ މަސައްކަތް މިއަދު ނިމޭ އިރު، އެ އެއާޕޯޓުގެ ރަންވޭގެ ފުޅާމިން ވަނީ 60 މީޓަރުން 75 މީޓަރަށް އިތުރުކޮށްފަ އެވެ. ނަމަވެސް ރަންވޭ އިތުރަށް ދިގު ކޮށްފައެއް ނުވެ އެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 3،350 މީޓަރެވެ.
މީގެ އިތުރުން އެއާޕޯޓުގެ ރަންވޭގައި އެލްއީޑީ ލައިޓިން ސިސްޓަމެއް ހަރުކޮށްފައިވާ އިރު، ވިއްސާރަވެ މޫސުން ގޯސް ހާލަތްތަކުގައި ވެސް ރަންވޭއަށް ފްލައިޓު ޖެއްސުމަށް މަގުފަހިވެފައިވެ އެވެ.
ޗައިނާގެ އެހީގެ ދަށުން ކުރިޔަށް ގެންދިޔަ ރަންވޭ މަރާމާތުކުރުމުގެ މަޝްރޫއަކީ ނެދަލެންޑްސްގެ ކޮންސަލްޓަންޓެއްގެ ލަފައާ އެކު، ޗައިނާގެ ކުންފުންޏަކުން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގު 50 މިލިޔަން ޑޮލަރަށް އަރައެވެ.
މަރާމާތުކޮށްފައިވާ ރަންވޭއާ އެކު، މާދަމާ ބަންޑާރަނަޔަކަ އެއާޕޯޓު އަލުން ހުޅުވާ އިރު، އެއާޕޯޓު ހުޅުވައިދެއްވާނީ ލަންކާގެ ޓްރާންސްޕޯޓު މިނިސްޓަރު ނިމާލް ސިރިޕާލަ ޑެސިލްވާ އެވެ.
އެއާޕޯޓުގެ ރަންވޭ ރަސްމީކޮށް ހުޅުވުމަށްފަހު، އެއަޕޯޓުގައި އެންމެ ފުރަތަމަ ޖައްސާނީ އިންޑިއާގެ ތިރުވަނަންތަޕޫރަމުން ކޮލޮމްބޯއަށް އަންނަ ސްރީލަންކަން އެއާލައިންސްގެ ފްލައިޓު ޔޫއެލް 1126 އެވެ.