05 Apr 2017, 12:59
ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދޭން އުޅުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ ޝުޖާއު އަށް ހަމަލާދޭން އުޅުނު މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލު ފުލުހުން ހާމައެއްނުކުރެއެވެ.
ޝުޖާއު އަކީ އައްޑޫ ސިޓީގެ މީދޫގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރެކެވެ. ޝުޖާއު އަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު ހައި ސެކިއުރިޓީގައި ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ވަނީ މާލެ ގެނެސްފައެވެ.
ޝުޖާއު އަށް ހަމަލާދިނުމާ ގުޅޭގޮތުން އައްޑޫ ބަހުރުވައިން ދެ މީހަކު ވާހަކައްދާ އޯޑިއޯއެއްވެސް ވަނީ ލީކުވެފައެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ޝުޖާއު ހުންނެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގައެވެ.