ދިވެހި ފިލްމު އިންޑަސްޓްރީގައި ހުރި ކުޅަދާނަ އެކްޓަރު އަދި ޑައިރެކްޓަރު އަލީ ސީޒަން ޑައިރެކްޓްކުރާ ފުރަތަމަ ސިންހަޅަ ފިލްމު، "ކައުޝީ"ގެ ފުރަތަމަ ޓީޒާ ބެލުންތެރިނަށް ދޫކޮށްލައިފިއެވެ.

ލޯބީގެ ބިރުވެރި ހާދިސާތަކެއްގެ މައްޗައް ތައްޔާރުކޮށްފައިވާ އެ ފިލްމުގެ ޓީޒާ އިން ވެސް "ގައިން ހީބިހި" ނަގައިގެންދާވަރުގެ މަންޒަރުތައް ފެނިގެންދެއެވެ. ލަންކާގެ އެކްޓަރުން ބޭނުންކޮށްގެން ޝޫޓް ކޮށްފައިވާ "ކައުޝީ" ބިރުވެރި ވާނެކަން ޓީޒާއިން ހާމަވެއެވެ.

ސީޒަންގެ "ކައުޝީ" ގެ މަންޒަރެއް---

ފިލްމުގެ ޝޫޓިން އެއްކޮށް ނިމިފައިވާއިރު މިހާރު ކުރިޔަށް ދަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތެވެ. ނަމަވެސް ފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ލޯބީގެ ބިރުވެރި ހާދިސާތަކެއް ދައްކުވައި ދޭ އެ ފިލްމަކީ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ އިބްރީހީމް ނިފާރު (ތިއްތި)ގެ ކޮންސެޕްޓަކަށް ހަދާފައިވާ ފިލްމެކެވެ.

ސީޒަންގެ "ކައުޝީ" ޓީޒާ----

ލަންކާގައި ފިލްމުގެ ހުރިހާ މަންޒަރެއް ނަގާފައިވާ "ކައުޝީ" ކެމެރާކޮށްފައި ވަނީ ތަޖުރިބާކާރު ކެމެރާމަން މުހައްމަދު ޝިވާޒް (މާސްކޭ) އެވެ. އަދި ފިލްމު އެޑިޓް ކޮށްފައި ވަނީ އަލީ މުސްތޮފާ (ސެމީ) އެވެ. ސީޒަން ކުރިން ބުނެފައި ވަނީ އެ ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ލަންކާގެ ޑިސްޓްރިބިއުޓަރަކަށް ވިއްކާލުމާ ދޭތެރޭ ވެސް ވިސްނަމުން އަންނަ ކަމަށެވެ.

ސީޒަންގެ "ކައުޝީ" ގެ މަންޒަރެއް---

އޭގެ އިތުރުން އެއީ އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމެއް ކަމުގައި ވިޔަސް، އެ ފިލްމު ރާއްޖޭގައި ރިލީޒް ކުރުމާ ދޭތެރޭގައި ވެސް ގޮތެއް ނުނިންމާ ކަމަށް ސީޒަން ބުންޏެވެ.