އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ލެބެން ލެބޯރެޓަރީސް ޕްރައިވެޓް ލިމިޓެޑް އިން އުފައްދާ އަދި ރާއްޖެ އެތެރެ ކުރާ އެ ކުންފުނީގެ ބޭސްތައް ރާއްޖޭ އެތެރެ ކުރުމާއި ވިއްކުން މަނާ ކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ، ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ލެބެން ލެބޯރެޓަރީސްގެ ބޭހުގެ ފެންވަރާއި ގުޅޭ މައްސަލަތައް ދިމާވެ އެ ޕްރޮޑަކްޓްތައް ރާއްޖެ އެތެރެ ކުރުން، ވިއްކުން އަދި ބޭނުން ކުރުން މަނާ ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފާގެ މަތިން އެ ކުންފުނީގެ އުފެއްދުންތައް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުން މިއަދުން ފެށިގެން މަނާކޮށް، ރާއްޖޭގައި މިހާރު ހުރި އެ ކުންފުނީގެ ބޭސްތައް ރިކޯލް ކުރަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީން ބުނީ، ލެބެން ލެބޯރެޓަރީސްގެ އުފެއްދުންތަކުން ތަކުރާރުކޮށް އެފަދަ މައްސަލަތައް ދިމާވަމުންދާނީ އެ ކުންފުނީގެ ބޭސް އުފެއްދުމުގެ ފެންވަރު ބަލާ ކަށަވަރު ކުރުމުގެ ނިޒާމުގައި މައްސަލަތަކެއް ހުރުމުންކަން ފާހަގަ ކުރެވޭ ކަމަށެވެ.

އަދި ރައްކާތެރިކަމާ ފެންވަރު ކަށަވަރު ނުވާ ބޭސް ބޭނުން ކުރުމަކީ ބޭސް ބޭނުން ކުރާ ފަރާތްތަކަށް އެކިވަރުގެ ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެއް ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.