05 Apr 2017, 11:24
ރީކޮޕާ ސުޑަމެރިކާނާގެ ފުރަތަމަ ލެގު މެޗުގައި ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއޮނަލްގެ މައްޗަށް ބްރެޒިލްގެ ޗަޕެކޮއެންސް ކުރި ހޯދައިފި އެވެ.
ޗަޕެކޮއެންސްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މުބާރާތުގެ ފުރަތަމަ ލެގު މެޗުގައި އެތުލެޓިކޯ ނޭސިއޮނަލްގެ މައްޗަށް ކުރި ހޯދީ 2-1 ލަނޑުންނެވެ. ރީކޮޕާ ސުޑަމެރިކާނާއަކީ ކޮޕާ ލިބާޓަޑޮރޭސްގެ ޗެމްޕިއަނުންނާއި ކޮލާ ސުޑަމެރިކާނާގެ ޗެމްޕިއަނުންނާ ދެމެދު ކުޅެވޭ މުބާރާތެކެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ދެ ލެގު ކުޅެ، ކުރީގައި އޮންނަ ޓީމަކަށެވެ.

ރީކޮޕާ ސުޑަމެރިކާނާގެ ފުރަތަމަ ލެގުގައި ޗަޕެކޮއެންސްއާއި އެތުލެޓިކޯ ނޭސިއޮނަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗަޕެކޮއެންސް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޭނާލްޑޯ ވަނީ ޗަޕެކޮއެންސްއަށް ލީޑު ހޯދައިދީފަ އެވެ. އެ ލަނޑާ އެކު ޗަޕެކޮއެންސްއިން ފުރަތަމަ ހާފް ނިންމާލީ 1-0 ލަނޑުން ކުރީގައި އޮވެގެންނެވެ.
މެޗުގެ 59 ވަނަ މިނެޓުގައި އެތުލެޓިކޯ ނޭސިއޮނަލްއަށް މެކްނެލީ ޓޮރޭސް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، މެޗުގެ 74 ވަނަ މިނެޓުގައި ޗަޕެކޮއެންސް މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލުއިޒް އޮޓާވިއާ އެވެ.

ރީކޮޕާ ސުޑަމެރިކާނާގެ ފުރަތަމަ ލެގުގައި ޗަޕެކޮއެންސްއާއި އެތުލެޓިކޯ ނޭސިއޮނަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗަޕެކޮއެންސް މޮޅުވީ 2-1 ލަނޑުން --- ފޮޓޯ/ އޭޕީ
ކޮޕާ ސުޑަމެރިކާނާގެ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ ނޭސިއޮނަލްއާ ދެކޮޅަށް ނުކުތުމަށް ދަތުރުކުރަމުންދިޔަ ފްލައިޓް ވެއްޓި ޗަޕަކޮއެންސްގެ ޓީމުގެ ގިނަ ކުޅުންތެރިންތަކަކާ އެކު ޖުމްލަ 71 މީހުން މަރުވެފައިވެ އެވެ. ކޮޕާ ސުޑަމެރިކާނާގެ ތަށި ޗަޕެކޮއެންސްއަށް ދީފައިވަނީ އެތުލެޓިކޯ ނޭސިއޮނަލްގެ އެދުމުގެ މަތިންނެވެ.
ރީކޮޕާ ސުޑަމެރިކާނާގެ ފުރަތަމަ ލެގު މެޗު ބަލާލުމަށް ފްލައިޓުން ސަލާތްމަތްވި ޗަޕެކޮއެންސްގެ ތިން ކުޅުންތެރިން ކަމަށްވާ އެލަން ރުޝެލްއާއި، ޖެކްސަން ފޯލްމަން އަދި ނޭޓޯ ހާޒިރުވެފައިވެ އެވެ.
ދެވަނަ ލެގު މެޗުގައި އެތުލެޓިކޯ ނޭސިއޮނަލްއާ ދެކޮޅަށް ޗަޕެކޮއެންސް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ދިހަވަނަ ދުވަހު އެވެ. އެ މެޗު ކުޅޭނީ ކޮލަމްބިއާގަ އެވެ.