ވައިރަލް ފީވާ އާއި ޑެންގީ ހުން ޖެހޭ މީހުންނަށް ދި ކްލިނިކުން ހިލޭ ފަރުވާދޭން ފަށައިފި އެވެ.

ދި ކްލިނިކްގެ މެނޭޖަރު ސޯފިޔާ އަބްދުﷲ މިއަދު ވިދާޅުވީ ދި ކްލިނިކުން ހިލޭ ފަރުވާ ދޭ ގޮތަށް ހަމަޖެއްސީ މުޅި ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު އިތުރުވަމުން ދިއުމާ ގުޅިގެން ގައުމީ ކަމެއްގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ.

ދި ކްލިނިކުގައި ޑޮކްޓަރަށް ދެއްކުމަށް 200ރ. ފީއެއް ނަގަ އެވެ. ނަމަވެސް ޑެންގީ ހުންޖެހިގެން ދާ މީހުންގެ ފީއެއް ނުނަގާނެ އެވެ.

"އަޅުގަނޑުމެން މިކަން މިކުރަނީ ގައުމީ ކަމެއްގެ ގޮތުގައި. ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން. ސަރުކާރުން މިކަން ކުރިއަށް ގެންދާ މުއްދަތަކަށް އަޅުގަނޑުމެން ވެސް މި ޚިދުމަތް ދެމުން ގެންދާނަން،" ސޯފިޔާ ވިދާޅުވި އެވެ.

ސޯފިޔާ ވިދާޅުވީ ހުން އައިސްގެން އެ ކުލިނިކަށް ދައްކަން ދާ މީހުންނަށް ހެނދުނު 9:00 އިން މެންދުރު 1:00 ޖަހަންދެން ހިލޭ ފަރުވާދޭނެ ކަމަށެވެ. އަދި އެވަގުތު ތަކުގައި ބަލި މީހުންނަށް ފަރުވާ ދެއްވާނީ އައިޖީއެމްއެޗުގެ ޑޮކަޓަރުން ކަމަށް ވެސް ސޯފިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ކްލިނިކުގައި އައިޖީއެމްއެޗްގެ ޑޮކްޓަރުން ޚިދުމަތް ދެމުން ގެންދަނީ ވެސް ހިލޭސާބަހަށް ކަމަށެވެ.

ޑެންގީ އާއި އެހެނިހެން ބަލިތަކުގައި އައިޖީއެމްއެޗަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާތީ އެ ހޮސްޕިޓަލުގެ އެނދުތައް އިތުރުކުރުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެކި ސަރަހައްދުތަކުގައި ޑެންގީ ފެތުރެމުން އަންނަ އިރު ޑެންގީ ޖެހިގެން ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަސް ކުއްޖަކު މަރުވެފައިވެ އެވެ. އަދި ޑެންގީ ހުމުގައި މި އަހަރު މަރުވި ކުދިންގެ ޖުމްލަ އަދަދު ވަނީ ހަތަކަށް އަރައިފަ އެވެ.