އޭޝިއާގެ މަޝްހޫރު ލަގްޝަރީ ޓްރެވަލް މެގަޒިނެއް ކަމަށްވާ "ޖެޓްސެޓާ" އިން ކޮންމެ އަހަރަކު ދޭ އޭޝިއާ އެވޯޑްސް އޮފް އެކްސެލެންސްގެ އެންމެ މޮޅު ހޮޓެލް ރިސޯޓުގެ އެވޯޑު ރާއްޖޭގައި ހިންގާ ދުސިއްތާނީ މޯލްޑިވްސް ރިސޯޓަށް ލިބިއްޖެ އެވެ.

މިއީ މިއަހަރު އެ ރިސޯޓަށް ލިބޭ ފުރަތަމަ އެވޯޑެވެ. އެ ރިސޯޓަކީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ވެސް އެވޯޑު ހާސިލް ކުރި ރިސޯޓެކެވެ.

އޭޝިއާ އެވޯޑްސް އޮފް އެކްސެލެންސް އެވޯޑު ދެނީ ޓްރެވަލް އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ޓީމެއްގެ މައްޗަށް އެކުލެވޭ ޖަޖުންގެ ޕެނަލަކުން ހޮވާލާ ރިސޯޓުތަކަށެވެ. އެ އެވޯޑު ދެނީ އޭޝިއާ ސަރަހައްދުގައި ފާހަގަ ކުރެވޭ އެންމެ ރަނގަޅު ޚިދުމަތް ދޭ 100 އަށް ވުރެ ގިނަ ބްރޭންޑުތައް ހިމަނައިގެންނެވެ.

މިއަހަރުގެ އެވޯޑުތައް 37 ކެޓަގަރީއަކުން ދީފައިވާއިރު، އެވޯޑު ހަފްލާ ބޭއްވީ ޗައިނާގެ މަކާއު ސިޓީގެ މަކާއު ޓަވަރުގައި މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވި ޑިނާ ނައިޓެއްގައެވެ.

"މިއީ މިއަހަރު ލިބޭ ފުރަތަމަ އެވޯޑު. މިދިޔަ އަހަރު އަޅުގަނޑުމެންނަށް ޖުމްލަ 13 އެވޯޑު ލިބުނު. މި އެވޯޑު ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް،" ދުސިއްތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ރިނޯލްޑް ޖޮހާން ވިދާޅުވި އެވެ.

ދުސިއްތާނީ މޯލްޑިވްސްއަކީ ލަގްޝަރީ ރިސޯޓެކެވެ. އެ ރިސޯޓުގައި 94 ލަގްޝަރީ ވިލާ ހުންނަ އިރު ފަސް ރެސްޓޯރެންޓާއި ސްޕާއެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ކްލަބެއް ވެސް ހުރެ އެވެ.