ކުޅަދާނަ ބަތަލާ ނިއުމާ މުހައްމަދާއި އިސްމާއިލް ޝަފީގް ޕްރޮޑިއުސްކޮށް މިދިޔަ އަހަރު ރިލީޒް ކުރި ކޮމެޑީ ފިލްމު "ބައިވެރިޔާ" ގެ ކާމިޔާބީއަށް ފަހު އަނެއްކާވެސް އެ ދެމީހުން އެއްކޮށް ވަނީ އިތުރު ފިލްމެއްގެ މަސައްކަތް ފަށާފައެވެ. "ނޯޓީ 40" ގެ ނަމުން ނަންދީފައިވާ އެ ފިލްމުގެ ވާހަކަ ދައްކަން ފެށުނީއްސުރެވެސް ބެލުންތެރިން ތިބީ ފިލްމު ބަލާލަން ކެތްމަދުވެފައެވެ. މިހެން ތިއްބައި "ނޯޓީ 40" ގެ ޓީމުން ރޭ މިވަނީ ފިލްމުގެ ފުރަތަމަ ދައްކާލުން ބެލުންތެރިންނަށް ދޫކޮށްލާފައެވެ.

އަންނަ އޯގަސްޓު މަހުގެ ދެވަނަ ދުވަހު ރިލީޒް ކުރުމަށް ހަަމަޖެހިފައިވާ އެ ފިލްމުގެ ފުރަތަމަ ޓީޒާ ދައްކާލީ ރޭ ސަލްސާ ރޯޔަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނޯޓީ 40 ގެ ޓީޒާއިން މަންޒަރެއްގައި ސީޒަން އަދި އަޒޫ----

ށ. މިލަންދޫގައި ފިލްމުގެ 90 ޕަސެންޓް ޝޫޓް ކޮށްފައިވާ "ނޯޓީ 40" ގެ ފުރަތަމަ ޓީޒާ ވެސް ހާއްސަ ކޮށްފައި ވަނީ އެރަށުގައި ނަގާފައިވާ މަންޒަރުތަކަށެވެ. ފިލްމުގެ ފުރަތަމަ ޓީޒާ އިން ވެސް ފިލްމު މޮޅުވާނެކަންް ޔަގީންވެއެވެ. "ނޯޓީ 40" ގެ މަޖާކަމުގެ ތެރެއިން އެތައް ރަހައެއް ފެނިގެންދެއެވެ. އޭގެ ތެރޭގައި. ލޯތްބާއި، އެކްޝަން، ރޮމޭންސް، މިއުޒިކަލް، ސްޕައި، ކޮމެޑީ، ޑްރާމާ، ޖަޒުބާތު، ރަހުމަތްރިކަމުގެ އިތުރުންް އަދިވެސް އެތައް ރަހަތަކެއް ފެނިގެންދެއެވެ.

ނޯޓީ 40 ގެ ފަސްޓްލުކް---

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ޔޫސުފް ޝަފީއު ލިޔެ ޑައިރެކްޓްކުރާ "ނޯޓީ 40" ގައި ތަފާތު ރަހަތައް އެކުލެވޭއިރު އެ ފިލްމުން ބައެއް ތަރިންގެ ދެ އުމުރެއްގެ މަންޒަރުތަކެއް ފެނިގެންދާނެއެވެ. އެއީ އެތަރިންގެ 40 އަހަރުން މަތީގެ އުމުރުގެ މަންޒަރުތަކާއި 22-26 އަހަރާ ދެމެދުގެ މަންޒަރުތަކެވެ.

އެގޮތުން މާލޭގެ ޝޫޓިން ފަަށަން ފިލްމުގެ ޓީމުން ތައްޔާރުވަމުންދާއިރު، ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ ހަތަރު ފަންނާނުން ކަމަށްވާ ޔޫއްޕެ، އަހުމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަންގެ އިތުރުން ނިއުމާ ދަނީ ފިލްމުގައި ޅައުމުރު ދައްކަންޖެހޭ މަންޒަރުތައް ނަގެމަށް ހަށިގަނޑަށް ބަދަލުތައް ގެންނަމުންނެވެ.

އެންވިޝަން އެންޓަޓެއިންމެންޓާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކުރާ ކޮމެޑީ ފިލްމު، "ނޯޓީ 40"ގެ ބައެއް ޕާޓްނަރުންނާއި ދެމެދު އެއްބަސް ވުމުގާއި ސޮއިކުރުމަށް ސަލްސާގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒުވާން، ބޮޑު ކާސްޓަކާ އެކު "ނޯޓީ 40"ގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު އެ ފިލްމުން ފިލްމީ ދާއިރާގައި ތިބި "އޭ" ގްރޭޑްގެ ތަރިން ފެނިގެންދާއިރު އެތަރިންނާއެކު ދެން ފެންނާނީ ކުރިއަރަމުން އަންނަ ތަރިންނާއި މުޅިން އަލަށް ތައާރަފްވާ ތަރިންގެ މޮޅު އެކްޓިންއެވެ.

ނޯޓީ 40 ގެ ޓީޒާއިން މަންޒަރެއް ގައި އައްޒަ---

ރޭ ސަލްސާ ރޯޔަލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ފިލްމުގެ ބައެއް ޕާޓްނަރުންނާ އެކު އެއްބަސް ވުމުގައި ސޮއި ކޮށްފައެވެ. "ނޯޓީ 40" ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައި ރޭ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.