ސޯލް (އޭޕްރިލް 4): އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޖަޕާން ކަނޑަށް ފޮނުވާލައިފި އެވެ.

ދެކުނު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެމިސައިލް ވަނީ 60 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކޮށްފަ އެވެ. އަދި އެމެރިކާ އިން ވަނީ އެއީ މެދު ރާސްތާ މިސައިލެއް ކަމަށާއި އޭގެ ސަބަބުން އުތުރު އެމެރިކާއަށް ނުރައްކަލެއް ނެތް ކަމަށް ބުނެފަ އެވެ.

އުތުރު ކޮރެއާއިން އެމިސައިލް ލޯންޗުކޮށްފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރެއްވުމަށްޓަކައި މާދަމާ އެމެރިކާއަށް ވަޑައިގަންނަވަން ހަމަޖައްސާފައި ވަނިކޮށެވެ. އެބައްދަލުވުމުގައި އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމަށް ކުރެވިދާނެ ކަންތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ މަހުވެސް އުތުރު ކޮރެއާއިން ވަނީ ހަތަރު ބެލިސްޓިކް މިސައިލް ޖަޕާން ކަނޑަށް ފޮނުވާފަ އެވެ.

އޭގެ ފަހުން އެމެރިކާއިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ. އަދި ދައުލަތުން ސްޕޮންސާކޮށްގެން ޓެރަރިޒަމް ހިންގާ ގައުމުތަކުގެ ލިސްޓަށް އުތުރު ކޮރެއާގެ ނަން އިތުރުކޮށްފަ އެވެ.

އެ ފިޔަވަޅުތަކާ ގުޅިގެން އުތުރު ކޮރެއާއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅިތައް ހަރުކަށިކޮށްފި ނަމަ ބަދަލު ހިފާނެ ކަމަށާއި އެމެރިކާއިން ދަނީ އެމައްސަލަ ބޮޑުކޮށް، ހަނގުރާމައާ ގާތްކުރަމުން ކަމަށް ބުނެފަ އެވެ. (ބީބީސީ)