ވައިޓް ހައުސް (އެޕްރީލް 5) : ސޫރިޔާގެ ޚާން ޝައިޚޫން ސަރަހައްދަށް ދިން ކެމިކަލް ގޭހުގެ ޙަމަލާގެ ޒިންމާ އުފުލަންޖެހޭނީ ސޫރިޔާ ސަރުކާރުން ކަމަށް ބުނެ ވަރަށް ރުޅިވެރިކަމާ އެކު އެމެރިކާއިން ވާހަކަ ދައްކައިފި އެވެ.

ވައިޓް ހައުސް އިން ބުނީ ޚާން ޝައިޚޫން އަށް ޙަމަލާދިނީ ސޫރިޔާ ސިފައިންގެ އަސްކަރީ މަތިންދާބޯޓަކުންކަން ކަށަވަރުވާ ކަމަށާއި އެއީ ބޮޑުވެގެންވާ ޖަރީމާއެއްކަމުގަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރައްވައި ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި މިއީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުން ސޫރިޔާގެ އާންމުންނާ ދެކޮޅަށް ހިންގި ގަތްލުއާންމެއް ކަމަށް ސިފަކޮށްފައިވެ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން ވަނީ މިއީ ރައީސް ބައްޝާރުލް އަސަދު އޭނާގެ ގައުމުގެ ރައްޔިތުންނާ މުއާމަލާތްކުރާ އަނިޔާވެރި ގޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ސޫރިޔާގެ ޚާން ޝައިޚޫން ސަރަހައްދަށް އިއްޔެ ދިން ކެމިކަލް ގޭހުގެ ޙަމަލާގައި 58 މީހުން މަރުވި ކަމަށް ޚަބަރުތައް ބުނާއިރު މިއީ ކޮންފަރާތަކުންދިން ޙަމަލާއެއްކަން ސާފުވެފައެއް ނުވެ އެވެ. މިހަމަލާ ދިނީ ރަޝިޔާގެ ބޯޓަކުންކަމަށް ބެލެވޭ ކަމަށް ސޫރިޔާގެ މުސްތަގިއްލު ޖަމާއަތެއްކަމަށްވާ ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް އިން ބުނެއެވެ.

އެމެރިކާ އިން މިޙަމަލާގެ ޒިންމާއިން ސޫރިޔާ ސިފައިންގެ ބޮލުގައި އަޅުވާފައިމިވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އިރާގާއި ސޫރިޔާއަށް އެމެރިކާ ދެމުންގެންދާ ވައިގެ ޙަމަލާތަކުގައި އެދެގައުމުގެ އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރުވެފައިވާކަން ހާމަވެފައި ވަނިކޮށެވެ. މިކަން ހާމަވުމާގުޅިގެން އެމެރިކާވެސްވަނީ އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ކޯލިޝަންގެ ޙަމަލާތަކުގައި އިރާގާއި ސޫރިޔާގެ ތިންސަތޭކައަށްވުރެ ގިނަމީހުން މަރުވިކަމަށް އެންމެފަހުން އެއްބަސްވެފައެވެ.

ކެމިކަލް ހަމަލާ އަމާޒުކުރި ޚާން ޝައިޚޫން ސަރަހައްދަކީ ސޫރިޔާގެ އިދްލިބް ޕްރޮވިންސްގެ ބައެކެވެ. އެއީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެކެވެ. ސޫރިޔާ ސިފައިންވަނީ ޚާން ޝައިޚޫން ސަރަހައްދަށް ކެމިކަލް ހަމަލާ ނުދޭކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ސޫރިޔާ ސިފައިންގެ ބަޔާނެއްގައި އެއީ ސޫރިޔާގެ އިދިކޮޅު ޓެރަރިސްޓް ޖަމާއަތްތަކުގެ ޙަމަލާއެއް ކަމަށް ބުނެފައިވެ އެވެ. އަދި އދ. ގެ ބެލުމުގެ ދަށުން 2012 ވަނަ އަހަރު ސޫރިޔާއިން ކެމިކަލް ހަތިޔާރު ނައްތާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޚާން ޝައިޚޫން ސަރަހައްދަށް ދިން ޙަމަލާއަކީ ސެރިން ގޭހުގެ ހަމަލާއެއްކަމަށާ އެހަމަލާގައި އާންމުން މަރުވީ ހާސްވެގެންކަމަށާ މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ. ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައަކީ މިފަހަކަށް އައިސް ދުނިޔެއިން ފެންނަ އެންމެ އަނިޔާވެރި އަދި ބިރުވެރި ހަނގުރާމައެވެ.

ހަ އަހަރުގެ މިހަނގުރާމައިގާ މިހާތަނަށް ސޫރިޔާގެ އާންމުންގެ ހަތަރު ލައްކައަށްވުރެ ގިނަ މީހުން މަރުވެ އެތަށް މިލިޔަން ބަޔަކު ޒަޚަމްވެ އަތްފައިބުރިވެ ސޫރިޔާ ގެ ރައްތަކާއި ވިލެޖްތައްވަނީ މުޅިން ފުނޑުފުނޑުވެ ސުންނާފަތިވެފައެވެ. މީގެއިތުރުން ސޫރިޔާގެ 9 މިލިޔަން މީހުންވެސް ވަނީ ހާލުގައިޖެހި ރެފިއުޖީންނަށް ވެފައެވެ.

ސޫރިޔާގެ ހަނގުރާމައިގާ ޝާމިލްވާ ހުރިހާ ފަރާތްތަކަކުންވެސް އާންމުންނަށް ހަމަލާދީ އާންމުން މަރަމުން ގެންދެއެވެ. މީގެތެރޭގައި ސޫރިޔާ ސަރުކާރު ސިފައިންނާއި އިދިކޮޅު ޖަމާއަތްތަކުންނާއި ރަޝިޔާއާއި އެމެރިކާވެސް ހިމެނެއެވެ. (ނޫސްއެޖެންސީތައް)