ވެޓެރަން އެކްޓަރު، އަދި ޕޮލިޓީޝަން ވިނޯދު ޚަންނާ އަށް ސިއްހީ މައްސަލަތަކެއް ދިމާވެ، ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުން އެބަދެ އެވެ.

ވިނޯދުގެ ދަރިފުޅު ރާހުލް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ވިނޯދު ހޮސްޕިޓަލުގައި އެނދުމަތިކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައީ އާދަޔާ ޚިލާފަށް ހަށިގަނޑުން ފެން މަދުވެ، ހާލު ދެރަވުމުގެ ސަބަބުން ކަމަށެވެ.

"މިހާރު ކުރިއަށް ވުރެ ވަރަށް ބޮޑުތަން ވެސް ހާލު ރަނގަޅު. ވަރަށް އަވަހަށް ގެއަށް ފޮނުވާލާނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައި،" ނޫސް ބަޔާނުގައިވެ އެވެ.

ވިނޯދަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގައި ހުންނަ އެޗްއެބް ރިލަޔަންސް ފައުންޑޭޝަން އެންޑް ރީސާޗް ސެންޓަރުގަ އެވެ.

ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ ހުކުރު ދުވަހު ވިނޯދު އެޑްމިޓް ކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފަ އެވެ. ވިނޯދުގެ ޑޮކްޓަރާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން، ވިނޯދު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު (އާދީއްތަ) އެވެ.

ވިނޯދު އަކީ ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވާ ޕޮލިޓީޝަން އެކެވެ. ގުރްދާސްޕޫރުގެ މަޖިލިސް މެމްބަރު ކަމުގައި ހުރި ވިނޯދް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި ރޯހިތު ޝެޓީގެ ފިލްމު 'ދިލްވާލޭ' އިންނެވެ.

ވިނޯދު ދެން އެންމެ އަވަހަށް ފެނިގެން ދާނީ 'އެކް ތީ ރާނީ އެއިސީ ބީ' އިން ހެމާ މާލިނީ އާއެކު އެވެ.

އުމުރުން 70 އަހަރުގެ ވިނޯދު ވަނީ މިހާތަނަށް 140 އަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ.