ފުލުސް އޮފީހަށް ނޫސްވެރިން ހާޒިރުކޮށް ނޫސްވެރިންގެ މަސްދަރުތައް ހޯދުމަށް ތަކުރާރުކޮށް ފުލުހުން ކުރާ މަސައްކަތަކީ ނޫސްވެރިކަން ފިއްތުމަށް ކުރާ މަސައްކަތެއް ކަމަށާއި އަދި އެއީ ތަހުގީ ނޫސްވެރި ކަމެއް ކުރުމަށް ފުލުހުން އަޅާ ހުރަހެއް ކަމަށް ބުނެ އެކަން ހުއްޓާލުމަށް މޯލްޑިސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.

އެމްޖޭއޭ އިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންގެ މަސްދަރުތައް ހާމަކުރުމަކީ ލާޒީމު ކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ތަކުރާރުކޮށް ނޫސްވެރިން ފުލުސް އޮފީހަށް ހާޒިރުކޮށް، މަސްދަރާ މެދު އަންނަނީ ސުވާލު އުފައްދަމުން، "މައްސަލަ ބަލަމުން" ކަމަށެވެ. އެގޮތުން ދިއެފްއެމްގެ އެޑިޓަރުގެ އިތުރަށް ހަވީރުގެ ބައެއް އެޑިޓަރުންނާއި ސަން އޮންލައިންގެ އެޑިޓަރުން ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް މަސްދަރާ ބެހޭ ގޮތުން ސުވާލުކޮށްފައި ކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޖޭއޭގެ ނޫސް ބަޔާނުގައި އަދި ބުނަނީ ނޫސްވެރިންގެ މައްސަލަތައް ބަލައި އެކައުންޓަބަލްކޮށް މީޑިއާ ރެގިއުލޭޓް ކުރުމަށް، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ބާރު ލިބިދީފައިވާ އިރު، އެއިން ތަނަކުން މައްސަލައެއް ބަލައި ކަމެއް ކުރުމަށް އެންގުމުގެ ބަދަލުގައި ފުލުހުންގެ އޮފީހަށް ނޫސްވެރިން ހާޒިރުކޮށް، ސުވާލު ކުރުމަކީ ނޫސްވެރިކަން ފިއްތައި ބިރުދެއްކުމަށް ކުރާ ކަމެއް ކަމަށެވެ.

" ބައެއް ހާދިސާތައް ހިނގާތާ ހަ މަސް ނޫނީ ހަތް މަސް ފަހުން މަސްދަރާ ބެހޭ ގޮތުން ސުވާލު ކުރުމަށް ފުލުސް އޮފީހަށް ނޫސްވެރިން ހާޒިރު ކުރުވުމަކީ އޭގެ ފުރަގަހުގައި ފޮރުވިފައިވާ ނިޔަތާ ދޭތެރޭ ސުވާލު އުފެދޭ،" އެމްޖޭއޭގެ ބަޔާޏުގައި ވެއެވެ.

ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އަދި ތަހުގީގީ ނޫސްވެރިކަމެއް ކުރުމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް ފުލުހުންނާ ސަރުކާރަށް އެމްޖޭއޭގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

އަދި ނޫސްވެރިން ނޫސްވެރިކަމުގެ ދާއިރާއިން ކުރާ "ކުށްތައް" ބަލައި ފިޔަވަޅު އަޅަން ވާނީ، ގާނޫނުން ބާރު ދީފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ކަމަށް އެމްޖޭއޭން ބުންޏެވެ.