ގިނަ ދަރިން ހޯދުމަކީ މަރުވުމުގެ ކުރިން ކުރަން ބޭނުންވާ ވަރަށް މުހިންމު ކަމެއް ކަމަށް ބޮލީވުޑުގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން ބުނެފި އެވެ.

ބޮލީވުޑުގެ އިތުރުން ހޮލީވުޑުގެ ކާމިޔާބީ ވެސް ފާހަގަ ކުރަމުން އަންނަ ދީޕިކާ، ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ވާހަކަތަކެއް ހިއްސާ ކޮށްފަ އެވެ.

އެގޮތުން އޭނާ މަރުވުމުގެ ކުރިން އެންމެ ކުރަން ބޭނުންވާ ކަމަކީ ކޮބައިތޯ ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފަ އެވެ.

"މަރުވުމުގެ ކުރިން އަހަރެން އެންމެ ކުރަން ބޭނުންވާ ކަމަކީ ހަމަގައިމު ވެސް ގިނަ ދަރިން ހޯދުން. އެއީ އަހަރެން ކުރަން ބޭނުން ކަމަކީ،" ނޫސްވެރިޔާގެ ސުވާލަށް ޖަވާބު ދެމުން ދީޕިކާ ބުންޏެވެ.

ދީޕިކާ އަކީ ކުޑަކުދިން ދެކެ ވަރަށް ލޯބިވާ މީހެކެވެ. އޭނާ ވަނީ މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ކުޑަކުދިން ދެކެ އޭނާ ވަރަށް ލޯބިވާ ކަން ހާމަކޮށްފަ އެވެ.

ދީޕިކާ ބުނީ އާއިލާގެ މުހިންމުކަން އޭނާ އަށް އެނގޭ ކަމަށާއި، ހަޔާތް ފުރިހަމަ ވާނީ އާއިލާއަކާ އެކުގައި ކަމަށެވެ.

އުމުރުން 31 އަހަރުގެ ދީޕިކާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ހުނަރުވެރި އެކްޓަރު ރަންވީރު ސިންއާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ދެ މީހުންގެ އެންގޭޖުމަންޓާއި ކައިވެނީގެ އަޑުތައް ވެސް ދޭތެރެ އަކުން ފެތުރެ އެވެ. ނަމަވެސް ދެމީހުން ކުރެ އެކަކު ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަސްވެފައެއް ނުވެ އެވެ.

އާއިލާއެއްގެ މުހިންމު ކަން އެނގި، ދަރިން ބޭނުންވި ނަމަވެސް ދީޕިކާގެ ސަމާލުކަން މިވަގުތު ހުރީ ހަޔާތެއް ފެށުމަށް ވުރެ ބޮޑަށް، އޭނާގެ ކެރިއަރަށެވެ.